ޚަބަރު

ކޯވިޑް-19: ގޭގައި ދަތިކަން ހުރިނަމަ ކަރަންޓީން ފެސިލިޓީތަކަށް


މާލޭގައި ގޭގައި ކަރަންޓީގައި ތިބި މީހުންގެ ތެރެއިން ޙާލަތުހުރި ގޮތުން ގޭތެރޭގެ ކަރަންޓީންގައި ތިބުމަށް ދަތިވާ މީހުންނަށް، ކަރަންޓީން ފެސިލިޓީސްތަކުގެ ގޮތުގައި ސަރުކާރުން ގާއިމްކޮށްފައިވާ ތަންތަނަށް ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން ދާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މާލޭގެ ހޯމް ކަރަންޓީންގައި ތިބުމަށް އެންގިފައިވާ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދުވެސް ކުރެވިފައިވާކަމަށެވެ. މިމީހުންގެ ސާމްޕަލްތައް ނެގިއިރު ބައެއްގޭގައި ޖާގައިގެ ދަތިކަން ހުރުމުން ހޯމް ކަރަންޓީންގައި ތިބުމަށް ބައެއް މީހުންނަށް ދަތިތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމިގޮތަށް ގޭގޭގައި ޖާގައިގެ ދަތިކަންހުރި ބޭފުޅުންނަށް ސަރުކާރުން ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީސްތަކަށް ބަދަލުކުރުމުގެ ކަންކަން ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަބުރޫކްވަނީ ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ޙާލަތު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ހާމަކުރައްވާފައެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 10 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 3 މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް 19 އަށް ޝައްކުރެވިގެން 593 މީހެއްގެ ސާމްޕަލްވަނީ ނެގިފަ. 13 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 580 މީހެއް ނެގެޓިވް ވެފައިވާކަމަށް. ޕޮޒިޓިވްވި 13 މީހެއްގެ ތެރެއިން 3 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 31 ސާމްޕަލެއް ނަގައި ޓެސްޓު ކުރަމުންދާކަމަށް މަބުރޫކް ވިދާޅުވި.

އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިމީހުން

  • ވިލިވަރު - 28 މީހުން
  • ހުޅުމާލެ ކަރަންޓީން ފެސިލިޓީ، އެޗްއައިއެޗް - 128 މީހުން
  • ޑީއެޗް 11 - 3 މީހުން
  • ވެލިދޫ - 16 މީހުން
  • ފަން އައިލެންޑް - 64 މީހުން
  • ބިޔާދޫ -47
  • ކުޑަބަނޑޮސް - 32 މީހުން

މަބުރޫކް ވިދާޅުވީ ކޯވިޑް 19 އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީން ބައްލަވަމުންދާކަމަށެވެ. އެގޮތުން ރަޝިއާގައި ކަރަންޓީން ކޮށްފައިވާ 3 ކުދިންގެ ތެރެއިން 2 ކުއްޖެއްގެ ޓެސްޓުގެ ނަތީޖާ ނެގެޓީވް ވެފައިވާއިރު އަނެއްކުއްޖާގެ ނަތީޖާ އަދިވެސް ނުލިބޭކަމަށެވެ. ނަމަވެސް އެކުދިންގެ ޙާލު ރަނގަޅުކަމަށް މަބުރޫކް ވިދާޅުވިއެވެ.