ޚަބަރު

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަކަށް ޖަމާކުރާގޮތަށް ގަވާއިދު އިސްލާހު ކޮށްފި


  • ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިސްލާހެއްވަނީ ގެނެސްފައި

ބިދޭސީންނަށް ދޭންޖެހޭ މުސާރާ މަރުކަޒީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިއެވެ.

މިބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި 3 ވަނަ އިސްލާހުގައެވެ. މި އިސްލާހުގައި ވަނީ އެ ޤަވާއިދުގެ 58 ވަނަ މާއްދާގެ "ނ"ގެ ފަހަތަށް "ރ" ހިމަނައި ބައެއް އިތުރުކޮށްފައެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބެންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު
އެކައުންޓަކަށްކަމަށެވެ.

ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ބޭންކު އެކައުންޓަށް ކަމަށް ކަނޑައަޅައި ގާނޫނަށް މީގެ ކުރިން ވެސް އިސްލާހު ހުށަހެޅިއެވެ. މީގެކުރިން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ބިދޭސީންގެ މުސާރައާއި އިނާޔަތްތައް އެމީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާނުކުރާ ނަމަ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވެއެވެ.

ނަމަވެސް ޖޫރިމަނާ ފައިސާ ނެގުން ވަކި ހިސާބަކުން މަޑުޖައްސާލިއެވެ. އޭގެ އެއް ސަބަބަކީ ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވުމުން ބޭންކު އެކައުންޓު ނުހުޅުވުމެވެ. ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން ގާނޫނުން އޭރު ލާޒިމްކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ރެމިޓެންސް ޓެކްސް އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސްއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންނަށް ޑޮލަރުން އަދި އަނެއްބައި މީހުންނަށް ދިވެހި ރުފިޔާއިން މުސާރަ ލިބޭއިރު، ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލަތައް އަބަދުވެސް ފާހަގަކުރެވެއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެކުލަވާލި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދަކީ ބިދޭސީން ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ގެނައުމަށް ޢަމަލުކުރަންޖެހޭ އުސޫލުތަކާއ،ި ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ބިދޭސީންނަށް ދިނުމުގައި ޢަމަލުކުރާނެ އިޖުރާއަތްތަކާއ،ި ބިދޭސީންނަށް ވަޒީފާ ދިނުމާއި ވަޒީފާގައި ގެންގުޅުމުގައި ޢަމަލުކުރަންޖެހޭ އެހެނިހެން އުސޫލުތަކާއި ހަމަތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ޤަވާއިދެކެއެވެ.

އެގޮތުން ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން ވަޒީފާގައި ގެންގުޅެންޖެހޭނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި ވަޒީފާއާބެހޭ ޤާނޫނު ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ފުރިހަމަކޮށް އެ ޤާނޫނުތަކާ ތައާރުޒުނުވާނޭ ގޮތެއްގެ މަތީންނެވެ.

މި ޤަވާއިދުގައި ވަނީ އެއްވެސް ވަޒީފާއަކަށް ބިދޭސީއަކު ގެނެވޭނީ އެވަޒީފާއަށް ދިވެއްސަކު ހޯދަން އެދި ޖޮބް ސެންޓަރުގައި އިޢުލާނުކުރުމަށްފަހު އެ ވަޒީފާއަށް އެކަށީގެންވާ ދިވެއްސަކު ނުލިބިއްޖެ ނަމައެވެ. އަދި ރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަ ތާރީޚުން ފެށިގެން ގިނަވެގެން 45 ދުވަހުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން އެކުލަވައިލައި އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށް އެއްބަސްވުމުގެ ކޮޕީއެއް ބިދޭސީ ފަރާތާ ހަވާލު ކުރަންޖެހެއެވެ.