ކޯވިޑް-19 ވައިރަހަށް ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޯވިޑް-19 ގެ 13 ކޭސް ރާއްޖެއިން ފެނިފައިވާއިރު މިހާތަނަށް 3 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ބާކީ 10 މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކަމާއިބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.
އެހެންކަމުން، ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް އިތުރު މީހަކު އަދި ފެނިފައި ނުވިނަމަވެސް، ދިވެހިންގެ ސަލާމަތަށް ދިވެހިން އެދޭނަމަ ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުން މިސާލު ނަގާ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ.
ކޯވިޑް-19 އަކީ އާދައިގެ ރޯގާއެއްކަމަށް ދެކިގެން އެންމެ ބޮޑަށް ފަރުވާކުޑަކޮށްލި ޤައުމަކީ އިޓަލީވިލާތެވެ. 60 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިޓަލީވިލާތުގައި ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުނު ނަމަވެސް އޭރު އެޤައުމުން މި ބައްޔަށް މާބޮޑު ފިޔަވަޅެއް ނާޅައެވެ.
އެހެންނަމަވެސް ކޯވިޑް-19 ވައިރަސް ޖެހިގެން ދުވާލެއްގެ މައްޗަށް 300 އާއި 400 އާއި ހަމައަށް މީހުން މަރުވާން ފެށުމުން އިތުރު ގޮތެއް ނެތިގެން މާޗް މަހުގެ 10 ވަނަ ދުވަހު މުޅި އިޓަލީ ބަންދު ކުރިއެވެ. ނަމަވެސް އޭރު ވަގުތު އޮތީ ފާއިތުވެފައެވެ. މުޅި އިޓަލީއަށް އޭރު އޮތީ ބަލި ފެތުރިފައެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން އިޓަލީވިލާތުގެ ސަރުކާރުން އެޤައުމުގެ ރަށްތަކާއި އަވަށްތައް ބަންދުކުރިނަމަވެސް ގެއިން ބޭރަށް ދިއުން ހުއްދަކުރާ ލިޔުމެއް ހިފައިގެން މަގުމައްޗަށް ނުކުމެއުޅުމުގެ ފުރުޞަތު އިޓަލީ ސަރުކާރުން އޮތީ ހުޅުވާފައެވެ.
މިއީ އިޓަލީގައި ބަލި ފެތުރި ގިނަ ބަޔަކު މަރުވާން ދިމާވި އެންމެ ބޮޑު ސަބަބެވެ. އިޓަލީގެ 47،000 އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު މި ބަލީގައި އެޤައުމުގެ 4000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކޯވިޑް-19 އަށް ދުރާލާ ފިޔަވަޅު ނޭޅުމުގެ ސަބަބުން މުޅި އިޓަލީވިލާތް މިހާރު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ވައިރަސް ޖެހުނު މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް އިތުރުވެ އެޤައުމުގެ ހޮސްޕިޓަލްތައްވެސް ވަނީ ފުރި ބާރުވެފައެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖެއިން ކޯވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 ބިދޭސީއެކެވެ. އޭގެތެރެއިން 3 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، 10 މީހަކަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން 593 މީހެއްގެ ސާމްޕަލް މިހާތަނަށް ޓެސްޓްކޮށްފައި ވާއިރު މި ހުރިހާ ސާމްޕަލްތަކެއް ބައްޔަށް ނެގެޓިވްކަމަށް ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ.
ރާއްޖެއިން ދިވެއްސަކަށް އަދި ކޯވިޑް-19 ޖެހިފައެއް ނުވެއެވެ. އެހެންނަމަވެސް، އިޓަލީ ވިލާތާއި ދުނިޔޭގެ އެހެން ބައެއް ޤައުމުތަކަށްވެސް މެދުވެރިވެފައިވާ ހާލަތު ބަލައި ދުރާލައި ފިޔަވަޅު އެޅުން މުހިއްމެއްވެ. އަދި ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯ ލަނބައި އެއްބާރުލުން ދިނުމަކީ ކޮންމެ މީހެއްގެމައްޗަށްވެސް އޮތް އެންމެ ބޮޑު ފަރުދީ ޒިންމާއެވެ.
ރާއްޖެއިން ބަލި ޖެހިފައިވާ 3 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންނަމަވެސް މިއީ ފަރުވާކުޑަކުރަންވީ ވަގުތެއް ނޫނެވެ. އަތްދޮވެގެން ގޭގައި މަޑުކޮށްލާށެވެ. ގެއިން ނުކުންނަން ވީމަ ކަމާއިބެހޭ ފަރާތްތަކުން އެކަން އަންގާނެއެވެ. އިހަށް ގޭގައި މަޑުކޮށްލާށެވެ.