ކޯވިޑް-19

ކޯވިޑް-19 : ހާލަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށް ރާއްޖެއިން އެޅި ފިޔަވަޅުތަކަށް ތަޢުރީފު ހައްޤު


ކޯވިޑް-19 އާއެކު މުޅި ދުނިޔެ ޞިއްޙީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު، މިކަމުގެ އަސަރު މުޅި އިންސާނީ ދަރިފަސްކޮޅަށް މިވަނީ ކުރަން ފަށާފައެވެ. މިއީ "ޕެންޑެމިކް" އެއްގެގޮތުގައި ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ ގިންތިކޮށްފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު އެގާރަ ހާހަށްވުރެ މައްޗަށް އަރާފައިވާއިރު، ދުނިޔޭގެ އިޤްތިޞާދު މިވަނީ ހުއްޓުމަކަށް ގޮސްފައެވެ. ޤައުމުތަކުގެ މެދުގައި އެއްގަމާއި ކަނޑާއި ވައިގެ މަގުން ކުރާ ދަތުރުތައް ވަނީ މަޑުޖެހިފައެވެ.

ކޯވިޑް-19 އާއެކު ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތަށް އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހިރާއްޖެއިންވެސް ދިޔައީ ދުރާލާ ތައްޔާރުވަމުންނެވެ. ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ފާރަވެރިވެ، ކަމާބެހޭ ތަޖުރިބާކާރުންގެ މަޝްވަރާއާއި ލަފައާއެކު ހިނދުން ހިނދަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދީފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ސްޓޭންޑެޑް އޮޕަރޭޓިން ޕްރޮސިޖަރ، އެސް.އޯ.ޕީތައް ތައްޔާރުކޮށް، ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށް، ހާލަތު ދިޔައީ ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެފައިވަނީ 7 މާރޗު 2020 ގައެވެ. ނަމަވެސް ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކަށް މި ބަލި ފެތުރެން ފެށި ހިސާބުން މިދިޔަ ޖެނުއަރީމަހުގެ 22 ވަނަ ދުވަހު ރާއްޖޭގެ އިންޓަރނޭޝަނަލް ޕޯޓުތަކާއި އެއަރޕޯޓުތަކުން އެތެރެވާ މީހުން ތާމަލް ކެމެރާތައް ބޭނުންކޮށްގެން މި ބައްޔަށް ސްކްރީންކުރަން ވަނީ ފަށާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީގައި ޤާއިމުކޮށް، ޝައްކުކުރެވޭ ފަރާތްތައް ޓެސްޓްކުރުމުގެ މަސައްކަތާއި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އައިސޮލޭޝަން ފެސިލިޓީތަކާއި، ކަރަންޓީން ފެސިލިޓީތައް ދިޔައީ ޤާއިމުކުރަމުންނެވެ. ކޯވިޑް-19 ގެ އަލާމާތްތައް ހުރި ފަރާތްތަކާއި ހުމާ ރޯގާ ހުރި ފަރާތްތަކުން އާއްމު ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދުމުގެ ބަދަލުގައި، އެ ފަރާތްތަކަށް ޚާއްސަކޮށްގެން ތިން ސަރަޙައްދެއްގައި ފްލޫ ކްލިނިކްތައް ޤާއިމުކޮށްގެން ފަރުވާ ދިނުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

ރާއްޖޭގެ މުޅި އިޤްތިޞާދުހެން ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށްކަމަށްވާއިރު، މިފަދަ ބަލިމަޑުކަމެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ހީނަރުކަމަކަށްބަލާ ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާޢާތުގައި މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން ދިޔައީ ތައްޔާރުވަމުންނެވެ. ރިސޯޓުތަކާއި، ގެސްޓް ހައުސްތަކާއި ހޮޓާތަކަށް މިކަމުގެ މަޢުލޫމާތުދީ، ހާލަތު ގޯސްވެދާނެ ހިނދެއްގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދުތައް ދިޔައީ ދެމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގައި މި ބަލި ފެތުރިފައިވާ މިންވަރާއި، ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުގައިވެސް ބަލީގެ ހާލަތު އޮތް މިންވަރު ސަރުކާރުން ދިޔައީ ބަލަމުންނެވެ. ހާލަތަށް އަންނަ ބަދަލުތަކަށް ބަލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދިޔައީ އިތުރަށް ވަރުގަދަކުރަމުންނެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެ ބައެއް ޤައުމުތަކުން މީހުން އެތެރެވުމާއި ބޭރުވުން މަނާކޮށް، "ކޮމްޕްލީޓް ލޮކްޑައުން"އަކަށް ގޮސްފައިވާއިރު، ރާއްޖެ އަދި އެ ހާލަތަށް ނުދާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. ބަދަލުގައި ސަރުކާރުގެ ސިޔާސަތުތައް ބަައްޓަންކޮށްފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާއެކީގައިވެސް ޤައުމުގެ ކަންކަން ކުރިއަށްގެންދިއުމަށެވެ. އާއްމު ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައްވެސް މެދުކެނޑުނަނުދީ ފޯރުވައިދިނުމަށެވެ. ބޭހާއި ކާޑުގެ ބާވަތްތައް ލިބޭނެކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށެވެ.

ރާއްޖެއިން މި ބަލި ފެނިފައިވަނީ ރިޒޯޓަކަށް ޒިޔާރަތް ކުރި ފަތުރުވެެރިއެއްގެ ގައިންކަމުން، އާއްމުން ދިރިއުޅޭ ރަށަކަށް ބަލި ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް އެޅެންހުރި ފިޔަވަޅުތައް ސަރުކާރުން ދިޔައީ އަޅަމުންނެވެ. ރާއްޖެއިން ބޭރުން އަންނަ ކްރޫޒްލައިންތަކާއި ޔޮޓާ ސަފާރީތަކަށްވެސް ނާދެވޭގޮތް ހަދާފައިވާއިރު، ބައެއް ޤައުމުތަކުން ފަތުރުވެރިން ރާއްޖެއައުންވެސް ވަގުތީގޮތުން ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކުގައި ތިބި ފަތުރުވެރިންނަށްވެސް އާއްމުން ދިރިއުޅޭ ރަށްރަށަަށް ނުދެވޭގޮތް ހެދުމާއި، މާލޭ ސަރަޙައްދުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކަށް ގެސްޓުންނަށް ޗެކްއިން ނުވެވޭގޮތް ހެދުން ފަދަ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ޝައްކެއްވެސް ނެތެވެ. ރާއްޖެއަކީ ކުޑަ ޤައުމެކެވެ. އާބާދީ ކުޑައެވެ. ވަސީލަތްތައްވެސް މަދެވެ. ނަމަވެސް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ ސާބަހާއި ތަޢުރީފް ޙައްޤު މަސައްކަތެކެވެ. މިމަސައްކަތް މިއަދު މުޅި ދުނިޔެދަނީ ބަލައިގަންނަމުންނެވެ. ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންވެސް ވަނީ ރާއްޖެއަށް ތަޢުރީފުކޮށްފައެވެ. ޞިއްޙީ ޚިދުމަތްތެރިން ޤައުމުގެ އަށްޑަނައިގެގޮތުގައި ތިއްބައްވައިގެން ހުއްޓުމެއްނެތި 24 ގަޑިއިރު ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާވެސް މިހާރު މިވަނީ ފެންނަން ފަށާފައެވެ. ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން އެންމެ ހާލު ދެރަވި 2 މީހުންނަށް ފަރުވާދީ، ބަލިން އެއްކޮށް ފަސޭހަކުރެވިފައިވާކަމަށް ސަރުކާރުން އިޢުލާންކުރުން މިއީ މިކަމުގައި ރާއްޖެއަށް ހޯދުނު ބޮޑު ކުރިއެރުމެކެވެ. ކޯވިޑް-19 އަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރު ދައްކުވައިދޭ މިސާލެކެވެ.

މި ކުރިއެރުމާއެކުވެސް ކޯވިޑް-19 ގެ ކަންކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކުޑަ ނުކުރާނެކަމަށާއި، މި ދަނޑިވަޅުގައިވެސް ކަންކަން ފަސޭހަކޮށްލައިގެން ނުތިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިޤްތިޞާދީގޮތުން ޤައުމަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި، ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ޞިއްޙީ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްވެސް އެއްވެސް ލަސްކަމެއްނެތި އަޅާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.