ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމުގައި މިވަގުތު އެންމެ ބޮޑު ޒިންމާއެއް އޮތީ ޢާއްމުންގެ ކިބައިގައެވެ. ކަމާބެހޭ ފަރާތްތަކުން ހިކުމަތްތެރިކަމާއެކު އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް ފުރިހަމަ ގޮތުގައި ބޯލަނބައި އާއްމުންގެ ތެރޭގައި ވައިރަސް ފެތުރުނަ ނުދީ ހުއްޓުވެން އޮތް ދަނޑިވަޅެވެ.
ޗައިނާގެ ވޫހާން ސިޓީން ފެތުރެންފެށި ކޯވިޑް-19 މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރެން ފެށުމުގެ ސަބަބުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މުޅި ދުނިޔޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައެވެ. މިއީ މިކަމުގެ ސީރިއަސްކަން އޭރު ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކުންވެސް ޤަބޫލުކުރުމާ ދެކޮޅު ހަދަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ދުނިޔޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމުގެ ކުރިންވެސް ރާއްޖޭގައި ވަނީ މިވައިރަސް ރާއްޖެއަށް އައިސްފިނަމަ ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިންތަކާއި އުސޫލުތަކާމެދު މަޝްވަރާކޮށް އެސްއޯޕީ އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.
ރާއްޖެއިން މިކަމުގައި ދުރާލައި ފިޔަވަޅު އެޅުމުގެ އެންމެ ބޮޑު ސަބަބަކަށްވީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެއަށް ވައިރަހުގެ އަސަރު ނުކޮށް ނުދާނެކަން ޤަބޫލުކޮށްގެންނެވެ. އަދި ރާއްޖެ ފަދަ ވަޞީލަތްތައް މަދު ޤައުމަކަށް މިފަދަ ނުރައްކާތެރި ވައިރަހަކުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ވައިރަސް ރާއްޖެއަށް އައުން ކޮންޓްރޯލްކޮށް ވައިރަސް ފެނިއްޖެ ޙާލަތެއްގައި ޢާއްމުންގެ ތެރޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމެވެ. އެހެންކަމުން ސިއްޙީ ދާއިރާގެ ޓެކްނިކަލް ބޭފުޅުންގެ ލަފަޔާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އިރުޝާދުގެ ދަށުން އެފަދަ ހާލަތަކަށް ރާއްޖެއިން އައީ ދުރާލާ ތައްޔާރުވަމުންނެވެ.
ދުނިޔޭގައި ވައިރަސް ފެތުރެމުން ދިޔަ ގޮތް ރާއްޖެއިން އައީ ވަރަށް ގާތުން މޮނީޓަރކުރަމުންނެވެ. ރާއްޖޭގައި ސަރުކާރުން ފިޔަވަޅުތައް އަޅުއްވަމުންގެންދެވީ ވަރަށް ވިސްނުންތެރިކަމާއެކު ކަމާގުޅޭ ތަޖުރިބާކާރުންގެ ފުރިހަމަ އިރުޝާދާއެކުގައެވެ. އެގޮތުން ވައިރަސްގެ ނުރައްކާ އޮތް ޤައުމުތަކުން ފްލައިޓްތައް އައުން ކޮންޓްރޯލްކުރުމާއި ރާއްޖޭގެ އެތެރޭގައި އެޅި އެކިއެކި ފިޔަވަޅުތަކަކީ އެކަމުގައި މިކަމުގެ ޓެކްނިކަލް ބޭފުޅުންގެ ވިސްނުން ހަރުދަނާކަމުގެ ވަރަށްބޮޑު ހެއްކެކެވެ. ސަބަބަކީ ދުނިޔޭގައި ވައިރަހުގެ ނުރައްކާ ބޮޑުވެ ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވާން ފެށުމުން ޢާއްމުން ސޯޝަލް މީޑިއާގައި މުޅި ޤައުމު 'ލޮކްޑައުން' ކުރުމަށް ގޮވަމުންދިޔައިރުވެސް އަދި ރާއްޖެ އެފަދަ ޙާލަތަކަށް ނުދާކަމަށް ކަމާބެހޭ ފަރާތްތަކުން އައީ ވިދާޅުވަމުންނެވެ.
މުޅި ޤައުމު ލޮކްޑައުންއަކަށް ގެންދިޔުމުގެ ބަދަލުގައި މިކަމުގެ ޓެކްނިނަލް ބޭފުޅުންގެ ވިސްނުންފުޅު ހުރީ ޢާއްމުންގެ އެއްވުންތަކާއި ބޭރުތެރޭގައި ބާއްވަމުން އައި އެކި ޙަރަކާތްތައް މަދުކުރުމަށް ބާރު އެޅުމެވެ. އެގޮތުން ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިތީތައް ބަންދުކުރުމުގެ ފިޔަވަޅަށް ފަހު އޭގެ ފަހުން އޮފީސްތައް ބަންދުކޮށް ޖާމާޢަތުގައި ނަމާދުކުރުމަށް މިސްކިތްތަކަށް ދިޔުންވެސް ހުއްޓާލުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވަމުން އައީ ޢާއްމުން އެއްވެއުޅުން ހުއްޓުވުމަށެވެ. އަދި ގެއިން ބޭރަށް ނުދިޔުމަށެވެ. އެހެންނަމަވެސް ޢާއްމުންގެ ފަރާތުން އެންމެ އެދެވޭ ގޮތެއްގައި މިކަމަށް އެއްބާރުލުން ދޭތަން ފެނިގެން ނުދިޔުމުގެ ސަބަބުން ސަރުކާރުން މިހާރުވަނީ ކާބޯތަކެތި ވިއްކާ ރެސްޓޯރެންޓް ކެފޭތަކުން ޚިދުމަތް ދިނުން ހުއްޓުވާފައެވެ. އަދި މިފަދަ ތަންތަނުން ޓޭކްއަވޭގެ ގޮތުގައި ކާބޯތަކެތި ބަލާ ދާއިރުވެސް އިޖްތިމާޢީ ދުރުމިން ހިފެހެއްޓުމަށް އަންނަނީ އިރުޝާދުދެމުންނެވެ.
މިހުރިހާ ފިޔަވަޅެއް ސަރުކާރުން މިފަދަ ގޮތަކަށް އެޅުމުގެ ބޭނުމަކީ ރާއްޖޭގެ ހިންގުން އެއްކޮށް ނުހުއްޓުވައި ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމެވެ. މުޅި ރާއްޖެ ލޮކްޑައުން އަކަށް ގޮސްފިނަމަ ކުދި ވިޔަފާރިތަކާއި ޢާއްމު ޚިދުމަތްތައް ނުލިބި ރާއްޖޭގެ އިގްތިޞާދަށް ފައިސާ ވަންނަ ހުރިހާ ދޮރެއް ބަންދުވުމުގެ ސަބަބުން މުޅި ޤައުމުގެ ހިންގުމަށް ފޫނުބެއްދޭ ވަރުގެ މާލީ ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެކަމަށްބަލައި ވަގުތާއި ހާލަތާ ގުޅޭގޮތުން އަންނަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިދަނޑިވަޅުގައި ވައިރަހާ ދެކޮޅަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތެއް ކުރުމުގެ ޒިންމާ އޮތީ ޢާއްމުންގެ އަތްމަތީގައެވެ. މުޅި ޤައުމުގެ ކުރިމަގު އޮތީ ޢާއްމުގެ އަތްތަމީގައެވެ. މިހާރު ރާއްޖެއަށް ވައިރަސް އައިސްފައިވާއިރު ފެތުރުން ކޮންޓްރޯލް ކުރުމުގެ ފުރިހަމަ އިޚްތިޔާރުވެސް އޮތީ ޢާއްމުންގެ އަތްމަތީގައެވެ. އެއީ ބޭރަށް ނުގޮސް ގޭގައި ތިބެގެންނެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައިގެންނެވެ.
ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އެކަންކަމެއްގައި ފަރުވާކުޑަ ކުރި ކިތައްމެ ކަމެއްގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުންވަނީ އިސްނަގާ އެފިޔަވަޅުތައް އަޅާ މިކަމުގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. މިވަގުތު ކަމާބެހޭ ފަރާތްތަކުން އަންގަވާ އެނގުންތަކަށް ބޯލަނބައި މުޅި ޤައުމުގެ ރައްކާތެރިކަމަށްޓަކައި ގޭގައި ތިބުމުގެ ނަމޫނާ ދެއްކުންވެސް އޮތީ ޢާއްމުންގެ އަތްމަތީގައެވެ. އަދި މިގޮތަށް ޢަމަލުކޮށްފިނަމަ މިއީ މިވައިރަހުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް ލިބޭނެ ހަމައެކަނި ފުރުސަތެވެ. އެފުރުސަތު އޮތީ ޢާއްމުންގެ އަތްމަތީގައެވެ.