ޚަބަރު

ޑޮކްޓަރުން އާދޭސް: ދޮގު މައުލޫމާތު ނުފަތުރާ


ކޯވިޑް-19އާ ގުޅޭގޮތުން ދޮގުމަޢުލޫމާތު ފެރުތުމަކީ ޑޮކްޓަރުންނާމެދު ޢާންމު ރައްޔިތުންކުރާ އިތުބާރު ކުޑަކުރުމަށް ދައްކާ ވާހަކަތަކެއްކަމަށާ، އެފަދަ ވާހަތައް ނުފެތުރުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައިފިއެވެ.

ކޯވިޑް-19އާ ގުޅޭގޮތުން ދިވެހި ޑޮކްޓަރުން ކުރަމުންދާ މަސައްކަތުން ވަނީ، އައިޖީއެމް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ފަރުވާދިން ދެމީހަކު ރަނގަޅުވެފައެވެ. މިކަން ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޢަލީ ލަތީފް ވިދާޅުވީ އަޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭ އެއްވެސް ބަލިމީހަކީ ކާކުކަން އަދި އެމީހަކަށް ފަރުވާދެނީ ކޮންބައްޔަކަށް ނޭގި ފަރުވާދެވެމުން ނުދާނެކަމަށެވެ.

ވަކިން ޚާއްސަކޮށް ކޯވިޑް-19އާ ގުޅިގެން އެޑްމިޓްކުރެވޭ ބަލިމީހުންނަކީ އައިޖީއެމް ހޮސްޕިޓަލުން ޚާއްސަ އަހަމިއްޔަތުކަމެއް ދީގެން ބަލަހައްޓަލުންދާ ބައެއްކަން ޑޮކްޓަރުން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ މަޢުލޫމާތު ހާމަކުރުމަށްޓަކައި ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިމަޢުލޫމާތު ހާމަކުރަމުންދާކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ޑރ. ޢަލީ ލަތީފް ވިދާޅުވީ މިދަނޑިވަޅަކީ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ދޮގުވާހަކަ ފަތުރަންވީ ވަގުތުނޫންކަމަށެވެ. މިވަގުތަކީ އެންމެހައި ރައްޔިތުންވެސް ގުޅިގެން އެއްބައިވަންތަކަމާއެކު ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް އަމަލުކުރަންވީ ވަގުތުކަމަށެވެ.

އަދި މިއަދު ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކު ބަލިން މުޅިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމާހަމަޔަށް ގޮސްފައިވަނީ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ކުރެއްވި ބުރަ މަސައްކަތުންނެވެ. މިކަމުގައި ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރައްވާފައިވާނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުން ރަނގަޅުވުމަށްފަހު ކޯވިޑަށް ހަދާ އިތުރު 2 ޓެސްޓް ހެދުމަށްފަހު އެދެޓެސްޓުވެސް ނެގެޓިވް ވުމުންކަން ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކުރައްވާފައެވެ.

މިބައްދަލުވުމުގައި ޑޮކްޓަރުންވަނީ ތަކުރާރުކޮށް ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދައި ޑޮކްޓަރުންގެ އިތުބާރު ގެއްލޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ.