ޚަބަރު

މިއަދަކީ އިސްލާމީ އުންމަތަށް ބަނަ ހުކުރެއް


އިސްލާމްދީނުގައި މާތްވެގެންވާ ދުވަސްތަކުގެ ތެރެއިން ހުކުރުދުވަހަކީ މާތްކަންބޮޑު ދުވަހެކެވެ. ހުކުރުދުވަސް އިސްލާމީ އުންމަތަށް އެންމެ ޚާއްސަވާ އެއްކަމަކީ ހުކުރުދުވަހު މެންދުރުވަގުތު ކުރާ މަތިވެރި ހުކުރު ނަމާދެވެ. ހުކުރު ނަމާދާއެކު އިސްލާމީ ޝިޢާރުތަކުން އަޑު އުފލިގެންދާ މިދުވަހުގެ ބަރަކާތްތެރިކަމާއި މާތްކަން ބޮޑެވެ. އެދުވަހު ކުރުން ސުންނަތްވެގެންވާ އެތައް ހެޔޮކަމެއް ވެއެވެ. އެހެންނަމަވެސް މިއަދަކީ މުޅި އިސްލާމީ މުޖުތަމަޢަށް ހިތްދަތި ހިތާމަވެރި ހުކުރު ދުވަހެކެވެ.

ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއެކު މުޅި އިސްލަމީ މުޖުތަމައުވެސް ދަނީ މިކަމުގެ ހިތްދަތި އިޙްސާސް ތަހައްމަލުކުރަމުންނެވެ. ހުކުރުދުވަހުގެ މާތްވެގެންވާ ހުކުރު ނަމާދާއި ހުުކުރު ޚުތުބާއިން މުސްލިމުން މިއަދުވަނީ މަޙްރޫމްވެފައެވެ. އިސްލާމީ އުންމަތް މިއަދު މިކަން ސިފަކުރަނީ ވަރަށް ހިތްދަތި ބަދުނަސީބު ދުވަހެއްގެގޮތުގައެވެ.

މި ހިތްދަތިކަން ތަޙައްމަލުކުރަމުންދާއިރު، މުސްލިމުގެ އެންމެ މުޤައްދަސް ދެޙަރަމް ވަނީ ބަންދުކޮށްފައެވެ. ޢުމްރާގެ އަޅުކަންވަނީ ހުއްޓިފައެވެ. ދެޙަރަމްގެ ދޮރުކޮޅުތައް މިއަދުވަނީ ބަންދުކޮށްފައެވެ. މިއީ ފަހުގެ ތާރީޚުގައި މިފަދަ ޙާލަތެއް އިސްލާމީ އުންމަތަށް މެދުވެރި ފުރަތަމަ ފަހަރެވެ.

ހަލުވިކަމާއެކު ކޯވިޑް-19 ދުނިޔޭގައޮ ފެތުރެމުންދާއިރު ބަލިން ރައްކާތެރިވުމަށް އިސްލާމީ ޤައުމުތަކުންވެސް ވަނީ ހަރުކަށި މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.

އިސްލަމީ އެތައް ޤައުމެއްގައި މިއަދު ހުކުރު ނަމާދުގެ ޖަމާއަތެއް ނުބާއްވައެވެ. މިހާލަތެއްގައި ގޭގައި ނަމާދުކުރުމަކީ އެންމެ ރައްކާތެރި އަދި ދީނީގޮތުން ބަލާއިރުވެސް އެންމެ ރަނގަޅުގޮތްކަމުގައި ދީނީ އިލްމުވެރިން ދަނީ ބަޔާންކުރައްވަމުންނެވެ.

ސައްތައިންސައްތަ އިސްލަމީ މިކުޑަކުޑަ ޤައުމުގައިވެސް މިހުކުރުދުވަސް ވެގެން ގޮސްފައިވަނީ ވަރަށް ފަޅު ހިތްދަތި ދުވަހަކަށެވެ. މާލެ އޭރިޔާ ހިމެނޭ ސަރަހައްދުގައި ހުރި މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދުކޮށްފައިވާނުވާއިރު މިސްކިތްތައް ފެނިގެން ގޮސްފައިވަނީ ފަޅުކޮށެވެ.

މިފަދަ ބަލިމަޑުކަމުގެ ޙާލަތްތަކުގައި މިސްކިތަށް ނަމާދަށް ނުދިޔުމަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުންމަތަށް އިރުޝާދުދެއްވާފައެވެ. މިކަން ބަޔާންކުރައްވައި ރާއްޖޭގައި ތިއްބެވި ބޮޑެތި ދީނީ ޢިލްމުވެރިންދަނީ ވައުޟު ވިދާޅުވެ ނަޞޭޙަތްތެރިވަމުންނެވެ.

މީގެ އިތުރުން މިއީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކޮށް އިޞްލާޙުވެ ތައުބާ ވާންވީ ވަގުތެވެ. ކޯވިޑް-19ގެ ނުރައްކަޅާއެކު މަރުގެ ތުންފަތްމަތީގައި ދުނިޔޭގެ އެތައްބަޔަކު ތިބި މިދަނޑިވަޅުގައި އަޅުގަނޑުމެންނަށްވެސް އޮތީ ހަމަ މިޙާލަތެވެ. މުސްލިމުންގެ ތަފާތަކީ ބަލިވިޔަސް ނުވިޔަސް ހަމަ ކޮންމެވަގުތަކުވެސް މަރުވެދާނެކަމުގެ ފުރިހަމަ އިއުތިޤާދުގައި ތިބުމެވެ. އެހެންކަމުން މިދަނޑިވަޅުގައި އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވަނީ މާތްﷲއާއި އެކަލާނގެ ރަސޫލާ އެންގެވި މަގުގައި ސާބިތުވެތިބުމެވެ. މިދަނޑިވަޅުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވުމަކީ އަޅުގަނޑުމެންގެ މާތްވެގެންދާ ދީން އަމުރުކުރާ ގޮތްކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.