ޚަބަރު

ކޯވިޑް 19 : މުޅި މާލެއަށް ފަޅު ހުކުރެއް!


ހުކުރު ދުވަހަކީމުސްލިމުންގެ ހަފްތާ އީދެވެ. ހަފްތާގެ އެންމެ މާތް ދުވަހެވެ. ކުދިބޮޑު އެންމެ ހުކުރު ދުވަހު މިސްކިތަށް ޖަމާވެއެވެ. މިސްކިތާއި ގޯތިތެރެ ފުރިގެން މަގުމަތީގައި ސަފުތައް ހަދާފައި އޮވެއެވެ. ހިޔާކޮޅެއް ނެތުމުން އަވީގައި ތިބެވެސް މީހުން ހުކުރު ނަމާދުކުރެއެވެ.

އެކަމަކު ވެރިރަށް މާލެއަށް މިހުކުރުވީ ފަޅު ހުކުރަކަށެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އެއްވެ އުޅުން މަދުކުރުމަށް، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެންމެންގެ ރައްކާތެރިކަމަށްޓަކައެވެ. ބަލި ފެތުރިގެން ދިޔަ ނުދިނުމަށްޓަކައެވެ.

ހުކުުރު ދުވަސް އަޅުގަނޑުމެންނަށް ޚާއްސަވާ ސަބުތައް ވަރަށް ގިނައެެވެ. މިއީ އާއިލީ ގުޅުންތަކާއި، ރަޙްމަތްތެރިކަމުގެ ގުޅުން އަދި މުޖުތަަމަޢުގެ ގުޅުން ބަދަހިކުތުމަށްވެސް ލިބޭ ދުވަހެކެވެ. އާއިލާއާއިއެކު ވަގުތު ހޭދަކޮށްލުމާއި، ރަޚުމަތްތެރިންނާއި އާއިލާއަށް ޒިޔަރަތް ކުރުމަކީ ހުކުރުދުވަހުގެ ޚާއްސަ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތަކީ އާއިލާ ގޮވައިގެން ކެފޭ ރެސްޓޯރަންޓްތަކުން ހެނދުނުގެ ނާސްތާކޮށްލުމާއި، ދަރިންގެ ހިތްހަމަޖެހިމަށް މޫދަށް ގޮސް އުޅޭ ދުވަހެވެ. އަދި އާއިލާއާއި ރަޙްމަތެރިންނާއި އެކު ދަތުރު ދިއުމަކީވެސް ހަފްތާ ބަންދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށްދެމުން ދިޔަ ކަންކަމެވެ.

ހަވީރު ކުދިން ހިތް އުފާކޮށްލުމަށް ޕާކުތަކަށާއި، އަދި އެކި ކަހަލަ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށްގެންދާ ދުވަހެކެެވެ. ޕާޓީތަކާއި، އަދި އާއިލީ ބައްދަލުވުންތަކުގެވެސް ބޮޑު ދުވަހެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއިއެކު މި ހަފްތާގެ ހުކުރު ދުވަސް ބައްދަލުކުރީ ފަޅު ކަމަކާއިއެކުއެވެ. މާލެއަށް އައި އެންމެބޮޑު ފަޅުކަމަކީ މިއަދުގެ ހުކުރުގެ ޖަމާއަތްތައް ނެތުމެވެ، މިސްކިތްތަކުގެ މުންނާރުތަކުން އިވޭ ހުކުރު ޚުތުބާގެ އަޑު ނީވުމެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް މިސްކިތްތަކުގެ މުންނާރުތަކުން ނުއިވުމެވެ.

އިޖުތިމާއީ އެހެން ކަންކަމަށް ބަލާއިރު ކަސްރަތު ކުރުމަށާއި އިރުއަރާތަން ބެލުމަށާއި، މޫދަށް ދިއުމަށް ފަތިހު ފަތިހާ ނިކުންނަ މީހުންތައް، މިއަދު ތިބީ ގޭގައި ކަމާއި ބެހޭ ފަރާތްތަކުގެ އަމުރަށް ކިޔަމަން ވެގެންނެވެ. އެހެން ހުކުރުތަކުގައި މާލޭގެ މަގުތަކުން ފެން ހަލަބޮލިކަން ކެނޑި ހަމަހިމޭން ވެއްޖެއެވެ. ޕާކުތަކާއި މައިޒާންތަކުގައި ދުވެލާ ފުމެލާ އުޅޭ ކުޑަކުއްޖަކު ނެތި ފަޅުވެއްޖެއެވެ.

ބަންދު ދުވަހެއްގައި ދަރިން ގޭގައި މަޑުކުރުވުމުގެ ދަތިކަން އިންގޭނީ ބެލެނިވެރިންނަށެވެ. މިއީ އެކުދިންނަށްވެސް ލިބޭ ހަމައެކަނި ހަފްތާ ބަންދަށް ވާއިރު ކުދިންވެސް ބޭނުންވަނީ އާއިލާގެ އެހެން ކުދިންނާއި ރަޙްމަތްތެރިންނާއިއެކު ބޭރަށް ނިކުމެ ކުޅެލާށެވެ. ނޫނީ ބައްޕަޔާއިއެކު ރީތި ހެދުން ލައިގެން ހަވީރު ބޭރަށް ސައިކަލު ދުއްވާލަން ދާށެވެ. ނަމަވެސް މިއަދު މަގުތަކުން މި ފަޅުކަން ދަނީ ފެންނަމުންނެވެ.

ކޮވިޑް 19 ރާއްޖެއިން ފެނިފައިވާއިރު މި ބަލި "ކޮމިއުނިޓީ ސްޕްރެޑް" ނުވަތަ މުޖުތަމަޢުގެ ތެރޭގައި ފެތުރުނަ ނުދޭން ވަނީ މުހިންމު ގިނަ ނިންމުންތަކެއް ނިންމައި ފިޔަވަޅުތައް އަޅާފައެވެ.

އެގޮތުން ޕާކުތަކަށް ދިއުން ހުއްޓާމާއި، ގިނަ މީހުން ބައިވެރިގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމާއި، މިސްކިތްތަކާއިމެދު އަޅާފައިވާ ފިޔަވަޅުތަކާއި، އަދި ޒަރޫރީ ބޭނުމެއް ނެތި މަގުމައްޗައް ނުނިކުތުމަށް އަންގާފައިވާ އެންގުމަކީ މުޅި މުޖުތަމަޢުގެ ރައްކަލަށް އަޅާފައިވާ ފިޔަވަޅުތަކެވެ. ކަމާއި ބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަކީ އެންމެންގެ ރައްކަލަށް އަންގާ އެންގުންތަކެވެ.

އެހެނިހެން މަސައްކަތްތައް ހުއްޓާލާ ގޭގައި ތިބޭ ތިބުމަކީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް ތިބާއަށް ވެވޭ ޙިއްސާއެކެވެ. އެހެންކަމުން ސަރުކާރުގެ އެންގުންތަކަށް ބޯލަނބައި، މި ޙާލަތުން އަމާން ޙާލަތަކަށް ދެވެންދެން ކެތްތެރިކަމާއިއެކު ގޭގައި ތިބުމަކީ ކޮންމެ މީހެއްގެވެސް ކޮނޑުގައި އެޅިފައިވާ ދީނީ އަދި ދުނިޔަވީ ބޮޑު ޒިންމާއެކެވެ.