ޚަބަރު

ކޯވިޑް-19 : އެއްވެސް ވަރުބަލިކަމެއްނެތި ޤައުމީ ޚިދުމަތުގައި


ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ ކޯވިޑް-19 އާއިދެކޮޅަށް ރާއްޖޭގައި އެންމެބޮޑު އަދި ބުރަ މަސައްކަތް ކުރަމުންދާ ސެންޓަރެވެ. މިސެންޓަރުގެ އެންބޮޑު ޒިންމާއަކީ ބަލިފެތުރުނަ ނުދިނުމަށް އެޅެންއޮތް ފިޔަވަޅުތަކާއި ބަލީގެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ދުވަހުން ދުވަހަށް ފޯރުކޮށްދިނުމެވެ. އެމަސައްކަތް ކުރުމުގައި 24 ގަޑިއިރު ނުނިދާ ހޭލައިތިބެގެން ކުރައްވަމުންދާ މަސައްކަތްތަކީ ބަލައިގަންނަންޖެހޭ މަސައްކަތްތަކެކެވެ.

ޞިއްޚީ ބޮޑު ނުތަނަވަސްކަމެއް ޤައުމަށް ކުރިމަތިވެގެން އުޅޭ މިފަދަ ޙައްޞާޞް ދަނޑިވަޅެއްގައި ޞިއްޙީ ޚިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކާއި، އާންމު ޚިދުމަތްތެރިން މަސައްކަތްކުރައްވަމުން ގެންދަވަނީ މިއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް އެޒިންމާ އަދާކުރެއްވުމުގެ އެންމެ މަތީ މަސްޢޫލިއްޔަތު އަދާކުރައްވަމުންގެންދަވަނީ ޙެލްތު މިނިސްޓްރީއާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޙެލްތާއި އެޗްޕީއޭގެ ޓީމާއި ކަމާ ގުޅުންހުރި ދާއިރާތަކެވެ.

އެ ފަރާތްތައް ގުޅިގެން ކޯވިޑް-19 އިން ރައްކާތެރިވެ މި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ކޮންމެ ދުވަހަކު އަޅަމުންދަ ފިޔަވަޅުތަކާއި ނިންމަވާ ނިންމުންތަކަކީ އެތަކެއް މުވައްސަސާއަކާއި، ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ކުރެވޭ މަޝްވަރާތަކުގެ މަތިން ނިންމަވަމުންދާ ނިންމުންތަކެކެވެ.

ދަރުބާރުގޭގައި ޤާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހުއްޓުމެއްނެތި ކޮންމެ ދުވަހަކު އެތަކެއް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެތައް ރައްޔިތުންނަށް ފޯނުގެ ޒަރީއާއިންނާއި، ސޯޝަލް މީޑިޔާ މެދުވެރިކޮށް ބަލީގެ މައުލޫމާތުތައް ދަނީ ދެމުންނެވެ. ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިން ނުނިދައި ހޭލާ ތިބެގެން ދަނީ މި މަސައްކަތް ކުރައްވަމުންނެވެ. އެންމެންވެސް މަސައްކަތްކުރަނީ އެއް ކަމަކަށެވެ. މި ޤައުމާއި ރައްޔިތުން ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތްކުރުމަށެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާތަނަށް އަޅާފައިވާ ކޮންމެ ފިޔަވަޅަކީވެސް ދުރަށް ވިސްނުމަށްފަހު ޞިއްޚީގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށްބަލައި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެކެވެ. މިއިން ކޮންމެ ނިންމުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައާއި، ވަކިން ޚާއްސަކޮށް ބަލި ފެތުރެމުންދާ ޤައުމުތަކުން މިކަމުގައި އަމަލުކުރަމުންދާ އުސޫލުތަކަށް ބެލުމަށްފަހު އަޅަމުންދާ ފިޔަވަޅުތަކެކެވެ.

މިއަދު މި ޚިދުމަތްތެރިން އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އާއިލާ ދޫކޮށް އެތައް ޤުރުބާނީތަކެއްވަމުން 24 ގަޑިއިރު ކުރަމުންދާ މި ބުރަ މަސައްކަތުގެ އަގު ވަޒަންކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަމަށްޓަކައި އެފަރާތްތަކުންދޭ ނަސޭހަތް އަޑުއަހަން އެބަޖެހެއެވެ. ފަރުދީ ޒިންމާ ނަގަން އެބަޖެހެއެވެ.

ކޯވިޑް-19ގެ ނުރައްކަލުން ރައްކާތެރިވުމަށް ފަރުދީގޮތުން އަދާކުރަންޖެހެނީ ބުރަ މަސައްކަތެއް ނޫނެވެ. ކޮންމެ މީހަކުވެސް އަމިއްލަ ސާފުތާހިރުކަމަށާއި އެހެން މީހުންގެ ސާފުތާހިރުކަމަށް އިސްކަންދޭންވީއެވެ. ގިނަގިނައިން އަތްދޮންނަންވީއެވެ. ބޭރަށް ކޮންމެހެން ނުކުންނަށް ނުޖެހޭނަމަ ނުނުކުމެ ގޭގައި މަޑުކުރަންވިއެވެ. މިއީ ސިއްޙީ ޚިދުމަތްތެރިންގެ އާދޭހެވެ. މިއީ އެއްވެސް މީހަކަށް ބުރަ ކަމަކަށްވެ ނުވާވަރުގެ ކަމެއް ހެނެއް ހިޔެއް ނުވެއެވެ. މިއީ ތިމާއާއި ތިމާގެ ޢާއިލާއާއި މުޅި މުޖުތަމަޢުގެ ރައްކާތެރިކުރުމަށްޓަކައި ހީރޯއަކަށްވެ މި ނުރައްކާތެރި ބަލިން މުޅި ޤައުމު ރައްކާތެރި ކުރުމަށް ތިމާގެ ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތެވެ.