ވިޔަފާރި

ކޯވިޑް-19 : މިއަހަރު ފަތުރުވެރިން ޒިޔާރާތްކުރާ މިންވަރު %12 ދަށްވާނެ


މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ މިންވަރު %12 އަށް ދަށްވާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ހިއްސާކުރާ މައިގަނޑު ސިނާޢަތްކަމަށްވާ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެކަމަށެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1.86 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރާނެކަމަށް އަންދާޒާކޮށްފައެވެ. އެހެންނަމަވެސް މިހާރުގެ ހާލާތާއެކު މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު 1.10 މިލިއަނާއި 1.53 މިލިއަނާއި ދެމެދަށް ދަށްވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

އަދި ބެޑް ނައިޓްސްގެ ޢަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު 8 އިންސައްތަ އާއި 21 އިންސައްތައާ ދެމެދު ދަށްވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ސިނާއަތްތައް ކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަމަށް ލޮޅުންތައް އައިސްފައިވާއިރު، ޖުމްލަގޮތެއްގައި އިޤްތިޞާދީ ހުރިހާ މަސައްކަތްތަކަށްދަނީ މިކަމުގެ ނޭދެވޭ އަސަރު މިހާރުވެސް ދަނީ ކުރަމުން. މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އަންދާޒާކުރެވުނު ވަރަށް ވުރެ ދަށްވާނެ ކަމަށް ބެލެވޭއިރު، ވިޔަފާރިތަކުގެ ކޭޝްފްލޯއަށް ދަތިވެ ވިޔަފާރިތައް ހިންގުމުގައި ގޮންޖެހުންތަކާ ކުރިމަތިވާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ތިންލައްކަ އައްޑިހަ ހާސް ނުވަސަތޭކަ އަށާވީސް (380،928) ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެ ތެރެއިން ޖެނުއަރީ މަހު ރާއްޖެ ޒިޔާރާތްކޮށްފައިވަނީ އެއްލައްކަ ހަތްދިހަ ތިން ހާސް ތިންސަތޭކަ ސާޅީސް ހަތް (173,347) ފަތުރުވެރިންނެވެ.

ފެބްރުއަރީ މަހު އެއްލައްކަ ސާޅީސް ނުވަހާސް ހަތްސަތޭކަ އައްޑިހަ ހަ (149،786) ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި އިރު މާޗްމަހުގެ މިހާތަނަށް ރާއްޖެ އައު ފަތުރުވެރިންގެ ޢަދަދު ވަނީ ފަންސާސް ހަތް ހާސް ހަތް ސަތޭކަ ނުވަދިހަ ފަހަކަށް (57،795) ދަށްވެފައެވެ.

މިއަހަރުގެ މާޗު މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޢަދަދު އޭގެ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %34.7 އަށް ދަށްވެފައިވާކަމަށް ސަރުކާރުން ބުނެއެވެ.

އަދި މި މުއްދަތުގައި ސަތޭކަ ނުވަދިހަ އަށް ހާސް ސަތޭކަ ވިހި (198,120) ބޭޑްނައިޓް ކެންސަލްވެފައިވާކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މި މުއްދަތުގައި ތިން ލައްކަ ތިރީސް ނުވަ ހާސް ތިންސަތޭކަ ފަސްދޮޅަސް ދެ (339,362) ބުކިންގްސް ލިބިފައިވާކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މިއަހަރަކީ ސަރުކާރުން ފަތުރުވެރިކަމަށް ބޮޑު އަމާޒެއް ހިފި އަހަރެކެވެ. މިދިޔަ އަހަރު 1.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއެކު ސަރުކާރުން މިއަހަރު 2 މިލިއަން ފަތުރިވެރިން ގެނައުމަށް އަމާޒު ހިފިއެވެ.

އެހެންނަމަވެސް، ކޯވިޑް-19 ގެ ސަބަބުން އިޤްތިސާދީ ބޮޑެތި ގެއްލުންތައް ލިބެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަަތަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ.