ޚަބަރު

ކޯވިޑް-19: ވިލާތުގެ އިއްތިހާދުގެ ޤައުމުތަކާއި އިތުރު 9 ޤައުމަކަށް ދަތުރުކުރުމުގައި ސަމާލުވޭ


ވިލާތުގެ އިއްތިހާދުގެ ޤައުމުތަކާއި އިތުރު ނުވަ ޤައުމަށް ދިވެހިން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ސަރުކާރުން އަންގައިފިއެވެ. މީގެ ކުރިން ސަރުކާރުންވަނީ ކޯވިޑް-19 ހަލުއިކަމާއެކު ފެތުރެމުންދާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށްވެސް އަންގާފައެވެ.

ބޭރު ޤައުމުތަކަށް ދަތުރުފަތުރުކުރާ ފަރާތްތަކާއި ބޭރުގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް ސަރުކާރުން އަންގަވާފައިވާއިރު ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކުން މިދުވަސްވަރު އަންނަ ހުރިހާ ދިވެހިންވެސް 14 ދުވަސްވަންދެން ގޭގައި އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ. މިއީ އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކެކެވެ.

މީގެ އިތުރުން ވިލާތުގެ އިއްތިހާދުގެ ޤައުމުތަކާއި އިތުރު ނުވަ ޤައުމަށް ދިވެހިން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށްވެސް ސަރުކާރުން މިހާރު ވަނީ އަންގާފައެވެ. އެގޮތުން ދިވެހިން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން އަންގާފައިވާ ޤައުމުތަކުގެ ތެރޭގައި، ސްރީލަންކާ، ވިއެޓްނާމް، މިސްރު، ޔޫއޭއީ، ކަޒަކިސްތާން، ރަޝިއާ، ނިއުޒިލެންޑް، ޔޫކްރޭން، އެމެރިކާ އަދި ވިލާތުގެ އިއްތިހާދުގެ ޤައުމުތައް ހިމެނެއެވެ.

ފޮރިން މިނިސްޓްރީއިން ވަނީ، މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)ގެ ކައުންސިލުންވެސް ދަތުރުފަތުރުކުރުމުގައި ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން އީ.ޔޫ.ގެ "އެކްސްޓަރނަލް ބޯޑަރސް" 30 ދުވަހަށް ބަންދުކުރަން ނިންމާފައިވާއިރު މިނިންމުމުގައި އީ.ޔޫ.ގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނާއި ދިގުމުއްދަތަށް އީ.ޔޫ.ގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތައް އިސްތިސްނާވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން އީ.ޔޫ.ގެ ޤައުމުތަކަށް ދަތުރުކުރާނަމަ މިކަންކަމަށް ސަމާލުވެ، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އެންގި 9 ޤައުމުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ. އަދި އެކުވެރިއަރަބި އިމާރާތް، ޔޫއޭއީއިން ޑިޕްލޮމަޓިކް ޕާސްޕޯޓުތަށް ފިޔަވައި، އެހެން ޕާސްޕޯޓުތައް ގެންގުޅޭ ފަރާތްތަކަށް، އޮން-އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވަކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އެމެރިކާއިން ރާއްޖެއަންނަ ފަރާތްތައް 14 ދުވަހަށް ކަރަންޓީންކުރުމަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަށްވެސް ފޮރިން މިނިސްޓްރީން ލަފާދެއްވައެވެ.