ވިޔަފާރި

ދިރާގުގެ ކަސްޓަމަރ ސަރވިސް ސެންޓަރުތައް ބަންދުކޮށްފި


ދިރާގުގެ ކަސްޓަމަރ ސަރވިސް ސެންޓަރުތައް މިއަދުން ފެށިގެން މިމަހުގެ 26ގެ ނިޔަލަށް ބަންދުކޮށްފިއެވެ.

ދިރާގުން ބުނީ ކަސްޓަމަރ ސަރވިސް ސެންޓަރުތައް ބަންދުކުރުމަށް ނިންމާފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އާއި ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުގެ ދަށުންކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ދިރާގުގެ ޚިދުމަތްތައް ދިރާގު މޯބައިލް އެޕާއި ވެބްސައިޓުގައިވާ ދިރާގުގެ މައި އެކައުންޓް މެދުވެރިކޮށް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

އަދި ދިރާގަށް ގުޅުއްވައިގެން މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުގެ ވެބްސައިޓުގައިވާ ލައިވް ޗެޓް، އާއި މެސެޖިންގ، ވައިބަރ ހެލްޕް އަދި ފޭސްބުކް މެސެންޖަރ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކޮށްގެން މުޢާމަލާތްކުރެވޭނެކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެކުންފުނިން މަސައްކަތްކުރަމުންދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް މެދުވެރިކޮށްދިނުމަށްކަމަށެވެ.

ދިރާގުގެ އިތުރުން މުއާސަލާތީ ޚިދުމަތް ދޭ އެހެނިހެން ކުންފުނިތަކުން ވެސް ދަނީ އެކުންފުނިތަކުގެ ޚިދުމަތްތައް އޮންލައިންކުރަމުންނެވެ.