 
										
			ކޯވިޑް-19 ވައިރަހަކީ ހަލުވިކަމާއެކު އެއް ތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ދައުރުވަމުންދާ ވައިރަހެކެވެ. މި ވައިރަސް އެންމެ ގިނައިން ފެތުރެނީ ކުޅު އަދި ލޭގެ ޒަރިއްޔާއިންނެވެ. 
ކިނބިހި އެޅުމަށްފަހު އަތްނުދޮވެ ތަނެއްގައި އަތްލުމުން ވައިރަސް އެތަނަކަށް ފެތުރުމަށް މެދުވެރިވެއެވެ. މިފަދަ ހާލަތެއްގައި ފައިސާއާއި ލިޔެކިޔުންފަދަ ތަކެއްޗަކީ އެންމެ ފަސޭހަކަމާއެކު ވައިރަސް ފެތުރިގެން ދިޔުމަށް މެދުވެރިވާ ވަސީލަތްތަކެވެ.
މި ސަބަބާއެކު ސިއްޚީ ތަޖުރިބަކާރުންނާއި ކަމާއިބެހޭ ފަރާތްތަކުން ދަނީ ފައިސާގެ ނޫޓްތައް ބޭނުންކުރުން މަދުކޮށް އޮންލައިންކޮށް މި މުޢާމަލާތްތައް ކުރުމަށް އިރުޝާދުދެމުންނެވެ. 
ހަތަރު ލައްކައިގެ އާބާދީއެއް އޮންނަ ރާއްޖޭގެ ދެލައްކައެއްހާ މީހުންނަކީ ވަޒީފާ އަދާކުރާ އަދި ކޮންމެ ދުވަހަކު ފައިސާގެ މުޢާމަލާތްތައް ކުރާ މީހުންނެވެ. ކޯވިޑް-19 ވައިރަހަށް 13 މީހަކު ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު މިވައިރަސް ކޮންޓްރޯލްކުރުމަށް ކުރެވެންހުރި ހުރިހާ ފިޔަވަޅެއް ވަނީ އަޅަންޖެހިފައެވެ.
		
 
										 
										
			މި ދަނޑިވަޅުގައި ވިޔަފާރީގެ މުއާމަލާތްތަކުގައި ޚިދުމަތާއި މުދަލުގެ އަގު ދެއްކުމަށް ނަގުދު ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި އޮންލައިންކޮށް އަދި ޑިޖިޓަލް ޕޭމަންްޓް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ދެއްކުމަކީ އެންމެ ރައްކާތެރި ގޮތެވެ، 
މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޯވިޑް-19 ބަލިޖައްސާ އައު ކޮރޯނާ ވައިރަހާއި ގުޅޭ މާބޮޑު ތަފްސީލީ ދިރާސާއެއް ހެދިފައެއް ނުވެއެވެ. އެހެންނަމަވެސް ދުނިޔޭގައި އުފެދުނު ނުރައްކާތެރި ކޮރޯނާވައިރަސްތައް ކަމަށްވާ 'މާސް' އަދި 'ސާސް' އަށް ސައިންސުވެރިން ވަނީ ބޮޑެތި ދިރާސާތަކެއް ކޮށްފައެވެ. 
މި ދިރާސާތައް ދައްކާގޮތުން ދަގަނޑު، ބިއްލޫރި އަދި ޕްލާސްޓިކް ފަދަ ތަކެތީގައި ސާސް ވައިރަސް 9 ދުވަސް ވަންދެން ދިރިހުރެއެވެ. 
2003 ވަނަ އަހަރު ހެދުނު ދިރާސާއަކުން ދައްކާގޮތުން މި ވައިރަސް، ކަރުދާހާއި އަދި ފޮތީގައި 72 ގަޑިއިރާއި 96 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި މަރުނުވެ ދިރި ހުރެއެވެ. އެހެންކަމުން، އަލަށް ފެނުނު ކޮރޯނާވައިރަސް ވެސް މިފަދަ ތަކެތީގައި ގިނައިރު ހުރެދާނެކަމަށް ސައިންސުވެރިން އިއްތިފާޤުވެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިން ވެސް ވަނީ ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އޮންލައިން ޚިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފައިސާގެ ނޫޓްތައް ބޭނުންކުރި ނަމަވެސް އަތްދޮވުމާއި މޫނުގައި އަތްނުލުމަށް ޑަބްލިއު.އެޗް.އޯއިން އިރުޝާދުދެއެވެ. 
		
 
										 
										
			ކޯވިޑް-19 އާއި ގުޅިގެން ގިނަ ޤައުމުތަކުން މިހާރުވަނީ ފައިސާގެ ނޫޓްތައް ބޭނުންކުރުން މަދުކޮށްފައެވެ. ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރެވިފައިވާއިރު އެޤައުމުން ކޯވިޑް-19 ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅިއެވެ. މީގެ ތެރޭގައި ފައިސާގެ ނޫޓްތައް ބޭނުންކުރާ މިންވަރު މަދުކުރުމައި ބޭނުންކޮށްފައިހުރި ނޫޓުތައް ޑިސް-އިންފެކްޓުކުރުން ހިމެނެއެވެ. 
ރާއްޖެއިން ކޯވިޑް-19ގެ 13 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު ދިވެހިންނަށް ވެސް އެންމެ ބުއްދިވެރިގޮތަކީ މިވައިރަހުން ރައްކާތެރިވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް ދުރަލާ އެޅުމެވެ. 
އެގޮތުން ފައިސާގެ ނޫޓްތަކުގެ ބަދަލުގައި ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމާއި ނުވަތަ ޑިޖިޓަލް ޕޭމަންޓް މެތަޑްތައް ބޭނުންކޮށްގެން ފައިސާ ދެއްކުން ފަދަ ފަސޭހަ ކަންކަން ކުރެވިދާނެއެވެ. 
ކޯވިޑް-19 އާއި ގުޅިގެން ގިނަ ކުންފުނިތަކުން ދަނީ އެކުންފުނިތަކުގެ ޚިދުމަތްތައް އޮންލައިންކުރަމުންނެވެ. ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޚިދުމަތްތަކަކީ އާންމުކޮށްވެސް އޮންލައިން-ބޭސްޑް ޚިދުމަތްތަކެކެވެ. 
އެހެންނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ބޭންކުން މިހާރުވަނީ ސެންޓަރުތަކުން މިހާރު ދެމުންދާ ޚިދުމަތްތައް ވެސް އޮންލައިންކޮށް ހޯއްދެވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.