ޚަބަރު

ކޯވިޑް-19: ނާޖާއިޒް ފައިދާ ހޯދަން ބަޔަކު މަސައްކަތް ކުރޭ، ސަމާލުވޭ!


ކޯވިޑް-19އާ ގުޅިގެން ބައެއް ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށްބުނެ ނާޖައިޒް ފައިދާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާ، އެކަންކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ އެހީތެރިކަން ހޯދުމުގެ ނަމުގައާއި، އަދި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން ތަފާތު އެކި ޙަރަކާތްތައް ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދަނޑިވަޅަކީ ޤައުމަށް ނުހަނު ޚައްސާސް ދަނޑިވަޅަކަށްވާއިރު މިފަދަ ކަންކަން ކުރާ ފަރާތްތަކުންވެސް މިކަންކަން ނުކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ. މިފަދަ ޢަމަލުތައް ކުރައްވާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށެވެ. އަދި ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަންގައި ޒަރޫރީ ބޭނުމުގައި ނޫންގޮތަށް އުޅޭ ފަރާތްތަކާއި ސުވާލުކޮށް ގެއަށް ވެއްދުމުގެ މައްސައްކަތް ކުރަމުންދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ އެހީހޯދުމަށް މިދުވަސްވަރު ހިންގާ އެއްވެސްބަޔަކަށް އެއީ ކޮންބައެއްތޯ ޔަޤީންކުރުމަށްފަހު ނޫނީ އެއްބާރުލުން ނުދިނުމަށް އެދޭކަމަށެވެ.

މިދުވަސްވަރު ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރައްވަނީ ގޭގައި މަޑުކޮށް މަގުތަކަށް ނުނުކުތުމަށްކަމަށެވެ. ޞިއްޚީގޮތުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކުއްލި ނުރައްކަލުގެ މިޙާލަތުގައި އެއްވެސް ފަރާތަކުން އޮޅުވާލައި މަކަރާއި ހީލަތުން ކަންކަން ކުރުމަށް މަސައްކަތް ނުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

މިއަދުން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާއި ގުޅިގެން ފުލުހުންދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ބޮޑުބައި މާލެ އޭރިއާ ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާއިރު ޚާއްސަ އިސްކާމެއްދީގެން 19 ރަށެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.