ޚަބަރު

އިޓަލީ ފަތުރުވެރިޔާގެ މައްސަލަ ކޯވިޑް-19ގެ ކޭސްއެއްގެ ގޮތުގައި އެޗްޕީއޭއަށް ރިޕޯޓްކޮށްފައިނުވޭ - ފުލުހުން


ރާއްޖެއިން ފުރައިގެން ދިޔަފަހުން ކޯވިޑް-19އަށް ޕޮޒިޓިވް ވިކަން ހާމަވި އިޓަލީ ފަތުރުވެރިޔާ ހުރި ރިސޯޓްގެ ޑޮކްޓަރު ފަތުރުވެރިޔާގެ މައްސަލައާއި ގުޅިގެން އެޗްޕީއޭއަށް ކުރިން ގުޅިކަމަށާ، ނަމަވެސް ކޯވިޑް-19އަށް ޝައްކުކުރެވޭ މައްސަލައެއް ފެނުނުކަމުގެ މަޢުލޫމާތެއް ޙިއްސާކޮށްފައި ނުވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ ފަތުރުވެރިވެރިޔާއަށް ފުރަތަމަ ފަރުވާދިނުމަށްފަހު އޭނައާބެހޭ މައުލޫމާތު ޙިއްސާކުރުމަށް އެޗްޕީއޭއަށް ގުޅި ކޯލްގެ ރެކޯޑިން ފުލިހުންގެ ތަޙްޤީގަށް ބަލާފައިވާކަމަށެވެ. އެކޯލްގައި ރިސޯޓުގެ ޑޮކްޓަރު އޮޅުންފިލުވާފައިވަނީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަމަލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯއާއި، ޚާއްސަ އުސޫލަކުން ބަލަންޖެހޭ ޤައުމުތަކުގެ ލިސްޓަށް ބަދަލެއް އައިސްފައިވޭތޯކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ.

އިޓަލީ ފަތުރުވެރިޔާ ރާއްޖެއަސްިފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާއަކީ ޞިއްޙީ އެހެން މައްސަލަޔަކަށް ކުރިންވެސް ފަރުވާކުރަމުންއައި، އަދި ގަނޑިން ގަޑިޔަށް ބޭހެއް ކަމުން ދިޔަ މީހެއްކަން ފުލުހުން ހާމަކުރެއްވިއެވެ. އޭނާ ރިސޯޓްގައި ހުއްޓާ ބަލިވެގެން ރިސޯޓްގެ ޑޮކްޓަރަށް ދައްކާފައިވަނީ ފެބްރއަރީ 26ވަނަ ދުވަހުކަމަށާ، އޭނާ ޑޮކްޓަރަށް ދައްކާފައިވަނީ ރިސޯޓްގެ ރެސްޓޯރެންޓުގެ ތެރޭގައި ހުއްޓާ އަނބުރައިގަނެގެން ވެއްޓުމުންކަމަށް ފުލުުން ހާމަކުރެއްވިއެވެ. އަދި އެދުވަހު ފަރވާދިުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައިކަން ހާމަކުރެއްވިއެވެ.

އޭގެފަހުން އަނެއްކާވެސް ފެބްރުއަރީ މަހުގެ 27ވަނަ ދުވަހު ފަތުރުވެރިޔާ ކަރުތެރެއަށް އުދަގޫވާތީ އަލުން ޑޮކްޓަރަށް ދައްކާފައިވާކަމަށާ، އެހެންނަމަވެސް އެދުވަހު އޭނާގެ ގައިގައި އެދުވަހު ހުމެއްނެތްކަަމަށް ފާހަގަކުރެވިފައިވާކަމަށް، ތަހްޤީޤަށް ލިބިފައިވާ މައުލޫމާތު ހާމަކުރައްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވި. އެހެންނަމަވެސް އޭނާގެ ކިބައިން ފެނުނު އަލާމާތްތަކަކީ ކޯވިޑް-19 އަށް ޝައްކުކުރެވޭ ބައެއްކަންކަން ޤަބޫލުކުރެވިގެން ކޯވިޓް-19 ހުރިތޯ ޔަގީންކުރުމަށް ރިސޯޓުގެ ޑޮކްޓަރުވަނީ އިރުޝާދު ދެއްވާފައިކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް ފަތުރުވެރިޔާ ވަނީ ޓެސްޓަ ހަދަން އިންކާރުކޮށްފައިކަމަށާ، އެހެންކަމުން ބޭސްދިނުމަށްފަހު ބެޑްރެސްޓްކުރުމަށް ޑޮކްޓަރުވަނީ ފަތުރުވެރިޔާއަށް ލަފާދީފައިކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭގެ ފަހުން ޑޮކްޓަރާއި ރިސޯޓްގެ މެނޭޖްމަންޓުން މަޝްވަރާކޮށް ފަތުރުވެރިޔާގެ މައްސަލަ އެޗްޕީއަށް ރިޕޯޓްކުރުމާއި ގުޅޭގޮތުން ވާހަކަދެއްކިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންމަަވެސް ހަމަ އެގޮތަށް ބަލިވެގެން އެހެން ބައެއް ފަތުރުވެރިންވެސް ޑޮކްޓަރަށް ދައްކާފައިވާތީ ވަކި ފަތުރުވެރިއެއްގެ މައްސަލަ ހުށަނޭޅުމަށް ރިސޯޓުން ނިންމިކަމަށްވެސް ރިޠާޒް ވިދާޅުވިއެވެ.

އޭގެފަހުން އިތުރަށް މަޝްވަރާކޮށް އެކަން ބެލުމަށްފަހު ރިސޯޓުންވަނީ އެޗްޕީއޭގެ ހޮޓްލައިނަށްގުޅައި އެކަމާއި ގުޅުންހުރި ވާހަކަތައް ދައްކަފާވަފައިކަމަށާ، އެޗްޕީއަށް ގުޅީ ރިސޯޓުގެ ޑޮކްޓަރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެހެންމަވެސް މި ކޯލްގައ ކޯވިޑް-19 އަށް ޝައްކުކުރެވޭ މައްސަލަގެ ވާހަކަ ދައްކާފައިނުވާކަމަށް ފުލުހުން މިއަދު ހާމަކުރެއްވިއެވެ.

ފުލުހުން ހާމަކުރައްވާގޮތުގައި މިފަތުރުވެރިޔާވަނީ ފެބްރުއަރީ މަހުގެ 28އާއި 29 ގައިވެސް ރިސޯޓްގެ ޑޮކްޓަރު ބަލާފައެވެ. އެދެދުވަހު އޭނާގެ ހާލު ރަނގަޅުކަަމަށް ޑޮކްޓަރު ބެލިބެލުމުން އެގިފައިވެއެވެ. އޭނާ ރާއްޖެއިން ފުރުމަށް އެއާރޕޯޓަށް ގޮސްފައިވަނީ އާރޗް މަހުގެ 1ވަނަ ދުވަހުއެވެ. އެދުވަހުވެސް އޭނާ އެއަރޕޯޓުގެ ތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން އެއާޕޯޓުން އޭނާގެ ހާލަތުބެލުމަށްފަހު އެދުވަހު އޭނާ ފުރަން ފުލައިޓަށް އަރުވުމަށް ފްލައިޓްގެ ކެޕްޓަންވަނީ ދެކޮޅުހަދާފައެވެ.

އޭނާއަށް ފުރޭނެ ގޮތް ނުވުމުން މާލެ އައިސް މާގިރި ހޮޓެލްގައި ހުރުމަށްފަހު ޖެހިގެން އައި ދުވަހު އޭނާވަނީ ފުރައިގެން ގޮސްފައެވެ.

މީނާއަކީ އިގިރޭސިބަސް ނޭގޭ މީހަކަށްވުމުން އެއަރޕޯޓުން މިކަމާ ގުޅިގެން އޭނާއާ މުޢާމަލާތް ކޮށްފަިއވަނީ އޭނާހުރި ރިސޯޓްގެ މުވައްޒަފަކާ ފޯނުން ގުޅައި ތަރުޖަމާކޮށްގެންކަމަށް ފުލުހުން ވިދާޅުވެއެވެ. ފަތުރުވެރިޔާ ފުރައިގެން ދިޔަފަހުންވެސް އޭނާހުރި ރިސޯޓުންވަނީ އޭނާއަށް ގުޅައި މައުލޫމާތު ހޯދާފަކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ ފުލުހުން މިހާރުވެސް ތަޚްޤީޤް ކުރަމުންދާކަމަށާއި، އަދިވެސް ހޯދަންޖެހޭ ބައެއް ކަންކަން ހޯދަމުންދާކަމަށް ފުލުހުން މިއަދު ހާމަކުރެއްވިއެވެ.