ޚަބަރު

"މާލެ މުޅިން ލޮކްޑައުންކުރުމުގެ ވިސްނުމެއް އަދި ނެތް"


ވެރިރަށް މާލެ ސިޓީ ލޮކްޑައުންކޮށް، ފިހާރާތައް ބަންދުކޮށް ހުރިހާ ކަމެއް ހުއްޓޭގޮތަކަށް ކަންކަން ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މަބުރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19 ފެތުރުނުނަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މާދަމައިން ފެށިން މިމަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީ ބައެއް ފަރާތްތަކުން މާލެ ލޮކްޑައުންކުރަން އުޅޭނީކަމަށްބުނެ ވާހަކަ ދައްކަމުންދާކަމަށެވެ.

ނަމަވެސް މިހާތަނަށް މާލެ ލޮކްޑައުންކޮށް، މާލޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައް ބަންދުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެފަދަ މަޝްވަރާއެއްވެސް ސަރުކާރުން މިހާތަނަށް ކުރައްވާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް ހާމަކުރަމުންދާނެކަމަށެވެ. އަދި މާދަމައިންފެށިގެން ސަރުކާރުން ބަންދުކުރުމަށް ނިންމާފައިވާ އެންމެބޮޑު މަޤްޞަދަކީ ކޯވިޑް 19 ފެތުރުނަނުދިނުންކަމަށެވެ. އަދި މާދަމައިން ފެށިގެން އެންމެންވެސް ގޭގައި މަޑުކޮށް، ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މިދަނޑިވަޅަކީ ކޮންމެހެން މަޖުބޫރުވެގެން ނޫނީ ގެއިންނިކުމެ އެކި ތަންތަނަށް ދާންވީ ވަގުތުނޫންކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ. އަދި ސަރުކާރު ބަންދުވުމަކީ އެއްވެސް މީހަކަށް ދެވުނު ޗުއްޓީއެއްކަމަށް ނުދެކި، ޞިއްޚީގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅު އަޅައި ގޭގައި ތިބުމަށް މަބުރޫކްވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.