ޚަބަރު

ކޯވިޑް 19 : ރިޒޯޓުތަކާއި އެހެން ރަށްތަކާއި ދެމެދު ކުރާ ދަތުރު މުޅިން ހުއްޓާލަން އަންގައިފި


ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތަކާއި ދެމެދު ދަތުރުކުރުން މުޅިން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަންގައިފިއެވެ.

މި ފިޔަވަޅަކީ ކޮވިޑް 19އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ.

މި ނިންމުމާއިއެކު މިރޭ 09:00އިން ފެށިގެން ކުރިއަށްއޮތް 10 ދުވަހުގެ މުއްދަތަށް މިކަމާއި ގުޅިގެން 3 ފިޔަވަޅެއް އެޅުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އަޅަން ނިންމި ފިޔަވަޅުތަކަކީ ރިޒޯޓްތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުން ހުއްޓާލުމާއި، ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓާލުމާއި، އެއް ރިޒޯޓުން އަނެއް ރިޒޯޓަށް މީހުން ދަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ފަތުރުވެރިން ދިވެހިރާއްޖެއިން ފުރުމަށްޓަކައި އެއަރޕޯޓަށް ދިއުމާއި، ފަތުރުވެރިން ފުރުވަން އެއަރޕޯޓަށް ދާންޖެހޭ މުވައްޒަފުން އެއަރޕޯޓަށް ދިއުން އެޗްޕީއޭއިން މަނަލެއް ނުކުރެއެވެ. ނަމަވެސް އެއާޕޯޓަށް ފަތުރުވެރިން ފުރުވުމަށްދާ މުވައްޒަފުން އެނބުރި އަންނަންޖެހޭނީ ރިސޯޓަށް ކަމަށާއި، އެމީހުންގެ ދަތުރުތަކާއި ގުޅޭ މަޢުލޫމާތު ރިސޯޓުތަކުން ބަލަހައްޓަންވާނެ ކަމުގައި އެޗްޕީއޭއިން އަންގާފައިވެއެވެ.

އަދި ރިޒޯޓުތަކަށް މުދާ އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ރިޒޯޓުތަކަށް މުދާ ފޯރުކޮށްދިނުމަށް ރިސޯޓްގެ ޖެޓީ އާއި ހަމައަށް ދިއުން ހުއްދަކޮށްފައިވާ ކަމަށާއި ނަމަވެސް އެއިން މީހަކުވެސް ރިސޯޓަށް އެތެރެވެއްޖެ ވާނަމަ، އެ ފަރާތަކަށް ރިސޯޓުން ފޭބުމުގެ ހުއްދައެއް ނޯންނާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި ފިޔަވަޅުތަކަކީ މީހުން އެއްވެ އުޅުން ވީހާވެސް މަދުކޮށް، ބަލި ކޮންޓްރޯލްކުރުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ކަމުގައި އެޗްޕީއޭއން ވިދާޅުވެއެވެ.