މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިން އާއި ޗެންނާއީއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.
މޯލްޑިވިއަންއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ބައިނަލްއަޤުވާމީ ދަތުރުތަކަށް ބަދަލުގެނައުމަށް އެއަރލައިނުން ނިންމާފައިވާކަމަށެވެ.
މޯލްޑިވިއަންއިން ބުނީ އިންޑިއާގެ ކޮޗިންއަށް ކުރާ އެންމެ ފަހު ދަތުރުތައް ކުރާނީ މިމަހުގެ 19، 21 އަދި 23 ވަނަ ދުވަހު ކަމަށެވެ. އަދި ޗެންނާއީއަށް ކުރާ އެންމެ ފަހު ދަތުރުތައް ކުރާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.
ޗެންނާއީ އާއި ކޮޗިންގެ އިތުރުން މޯލްޑިވިއަންއިން ވަނީ ބަންގްލަދޭޝްގެ ޑާކާއަށް ވެސް ދަތުރުކުރުން ހުއްޓާލުމަށް ނިންމާފައެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ފަހުން ޑާކާއަށް ކުރާ ދަތުރުތައް މެދުކަނޑާލާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ދަނީ ހަފްތާއެއްގެ ކޮންމެ ދުވަހަކު އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރަމުންނެވެ. އަލަށް ގެނައި މި ބަދަލުތަކާއެކު މިއަދުން ފެށިގެން ޓްރިވެންޑްރަމަށް ދަތުރުކުރާނީ ކޮންމެ ހަފްތާއަކު އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މޯލްޑިވިއަންއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން އެ އެއަރލައިންގެ ދަތުރުތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނަށް އަންގަމުންދާނެކަމަށެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މޯލްޑިވިއަންއިން އަވަސް ފިޔަވަޅުތައް އަޅަމުންދާއިރު އެކުންފުނިން މިހާރުވަނީ ވަކި މުއްދަތެއް ނެތް ގޮތަކަށް ޓިކެޓް އޮފީސްވެސް ބަންދުކުރުމަށް ނިންމާފައެވެ.
މޯލްޑިވިއަންގެ ކޯލް ސެންޓަރ އަދި ވައިބަރގެ ޚިދުމަތް ކޮންމެ އާދީއްތަ ދުވަހަކުން ބުރާސްފަތި ދުވަހަކަށް ހެނދުނު 10ން މެންދުރުފަހު 3ށް ލިބޭނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ކޯވިޑް-19 އާއި ގުޅިގެން މޯލްޑިވިއަންއިން މިހާރު ވަނީ ކުންފުނީގެ މުވައްޒަފުން ވަކި ގްރޫޕްތަކަކަށް ބަހާލައިގެން މަސައްކަތްކުރެވޭ ގޮތް ހަމަޖައްސާފައެވެ.