ޚަބަރު

ކޮވިޑް 19: މުދާ ލޯޑްކޮށް އަންލޯޑް ކުރުމުގެ ޚިދުމަތަށް ބުރޫ ނާރާނެ - ޝާހިދު އަލީ


މުދާ އުފުލާ ބަނދަރުތަކުންދޭ އެއްވެސް ޚިދުމަތަކަށް ކޮވިޑް 19ގެ ސަބަބުން ބުރޫ ނާރާނެގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ މުޢައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުދާ އުފުލާ ބަނދަރުތަކުގައި ވަރުގަދަކޮށްފައި ވާކަމަށެެވެ.

މީހުން އެއްވެ އުޅުން މަދުކުރުމަށް ބާރުއެޅުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޕީއެލްއިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ، ކޮންމެ ޙާލަތެއްގައިވެސް ރާއްޖެއަށް އެތެރެކުރާ ތަކެއްތި ލޯޑްކޮށް އަންލޯޑްކުރުމުގައި ދަތި ނުވާގޮތަށް ކުންފުނީގެ މަސައްކަތްތައް ރާވާފައި ވާކަމަށެވެ.

އެގޮތުން މުޢައްޒަފުންގެ ރައްކާތެރިކަމަށް މިވަގުތު އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅަކީ މުދާ ހިފައިގެން އަންނަ ބޯޓުތަކަށް މުދާ ބޭލުމުގެ ކުރިން، ބޯޓުތަކުގެ މުވައްޒަފުންގެ ސިއްޙީ ޙާލަތު ދެނެގަތުންކަމުގައި ޝާހިދު ވިދާޅުވިއެވެ. އަދި މުވައްޒަފުން ޕޯޓު ތެރެއަށް ވަނުމުގެ ކުރިންވެސް ހުން ހުރިތޯ ބަލަމުންދާކަމުގައި އޭނާ ވިދާޅުވިއެވެ.

"މުދާ ބާލާއިރު މުޢައްޒަފުން ވަރަށް ބޮޑަށް އެބަ ބައްދަލުވޭ ބޯޓުގައި އަންނަ މުޢައްޒަފުންނާ. ބޯޓުން މުދާ ބޭލުމުގެ ކަންކަން ފަށާނީ ބޯޓުގައި ތިބި މުޢައްޒަފުން ސިއްޙީ ޙާލަތު ސްކްރީން ކުރުމަށްފަހު. އަދި 14 ދުވަހުގެ ޓެރެވަލް ހިސްޓްރީ ބެލުމަށްފަހު ބޯޓަށް އަރާނީ މުދާ ބާލަން." ޝަހިދު ވިދާޅުވިއެވެ.

ސިއްޙީ ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ ޕޯޓް ތެރޭގައި ވަކި އަދަދަކަށް މުޢައްޒަފުން ތިބެގެން މަސައްކަތް ކުރާގޮތަށް ވޯކް ފޯސްއެއް މިހާރު އެކުލަވާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއިން މިހާރު ވަނީ އެ ކުންފުނިން ދެމުންގެންދާ އިދާރީ ޚިދުމަތްތައްވެސް އޮންލައިންކޮށް ދޭން ފަށާފައެވެ.

"ޚިދުމަތްދޭ ކައުންޓަރުތައް އޮންލައިންކޮށްފިން. ޕޭމަމްޓްތައް ހެދުމާއި، އަދި ހުށައަޅަންޖެހޭ ޑޮކިއުމަންޓްތައް މިހާރު އޮންލައިންކޮށް ހުށައެޅޭނެ. ފިޒިކަލް ކޮންޓެކްޓް ހިމެނޭ މަސައްކަތްތައްވަނީ ހުއްޓާލާފައި." ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްގެ މާލޭ ބަނދަރާއި، ކުޅުދުއްފުށި އަދި ހިތަދޫ ޕޯޓުތަކުގައިވެސް ޢަމަލުކުރަންމުން ގެންދާނީ މި ޢުސޫލުގެ ދަށުންނެވެ.

އެ ކުންފުނިންވަނީ ކުންފުނީގެ އުމުރުން ދުވަސްވީ މުވައްޒަފުންނާއި، ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުން މުސާރަ އާއި އެލަވަންސްތައް ހިމެނޭގޮތަށް ގޭގައި މަޑުކުރުމަށްވެސް އަންގާފައެވެ. މީގެތެރޭގައި 70އަށްވުރެ ގިނަ މުވައްޒަފުން ހިމެނެއެވެ.

އަދި ޕޯޓުތަކުން މުދާ ނެރުމުގެ މަސައްކަތްވެސް އިރުއޮއްސި 6 ޖަހާއިރު ނިންމައި، އެކަމާއި ގުޅޭ ހުރިހާ މަސައްކަތްތަކެއް ރޭގަނޑު 9ގެ ކުރިން ނިމޭގޮތަށް މަސައްކަތްތައް ރާވާފައި ވާކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އަދި މީގެއިތުރަށް ޕޯޓުތަކާއި ފެރީ ޓާމިނަލްތަކުގައި އަތްދޮވެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި، މުވައްޒަފުންނާއި އާއްމުންގެ ރައްކާތެރިކަމަށް އުޅަނދުތަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.