ކޯވިޑް-19

ކޯވިޑް-19 : އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް އެދުމަށް އިމިގްރޭޝަނުން އެދިއްޖެ


އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް އެދުމަށް މޯލްޑިވް އިމިގްރޭޝަނުން އެދިއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިގޮތަށް އެދިފައިވަނީ ކޯވިޑް-19 ވައިރަސް ރާއްޖެއިން ފެނި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާއި ގުޅިގެން، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންކަމަށެވެ. އެގޮތުން މިދުވަސްކޮޅު ޕާސްޕޯޓަށް އެދި ހުށެހެޅުންފަދަ ޚިދުމަތްތައް ހޯދުމަށް ކައުންޓަރަށް ވަޑައިގަތުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށާއި އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކެމަށް އިމިގްރޭޝަނުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، 32 ޞަފުޙާގެ އިލެކްޓްރޯނިކް ޕާސްޕޯޓަށާއި، 48 ޞަފުޙާގެ އިލެކްޓްރޯނިކް ޕާސްޕޯޓުގެ އިތުރުން 32 ޞަފުޙާގެ ނޮން-އިލެކްޓްރޯނިކް ޕާސްޕޯތަށް އެދި އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ދިވެހި ޕާސްޕޯޓަށް އެދޭ ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، އެންމެފަހުން ހައްދާފައިވާ ޕާސްޕޯޓުގެ ހުށަހަޅަންޖެހޭނެއެވެ. އަދި ޕާސްޕޯޓަށް އެދި ހުށަހަޅާ ތަކެތި ކުލަކޮށް ސްކޭންކުރުމަށްފަހު ޖޭ.ޕީ.އީ.ޖީ ފޯމެޓުގައި އެޓޭޗްކުރުމަށާއި، ފޮޓޯގެ ސޮފްޓް ކޮޕީ އެޓޭޗްކުރުމަށާއި، އީމެއިލްގެ ސަބްޖެކްޓުގައި ވެރި ފަރާތުގެ ފުރިހަމަ ނަމާއި، އައި.ޑީ.ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ހިމެނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުން ފައިސާ ދައްކަންޖެހޭ ޢަދަދާއި، ތަފްޞީލު އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅި އީމެއިލް އެޑްރެސްއަށް ލިބިގެންދާނެކަމަށާއި، އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.