ޚަބަރު

ކޯވިޑް19: މިމަހުން ފެށިގެން ސިޔާސީ މަޤާމުތަކާއި ކުންފުނިތަކުގެ ވެރިންގެ މުސާރައިން %20 އުނިކުރަން ނިންމައިފި


ކޮވިޑް-19 އާ ގުޅޭގޮތުން އަޅުއްވާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، މި މަހުން ފެށިގެން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ މުސާރައިން 20 ޕަސެންޓް އުނިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިއާއެކު ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން ވެސް 20 ޕަސެންޓް އުނިކުރެއްވުމަށް ވަނީ ނިންމާފައެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކޯވިޑް19 އާ ގުޅިގެން މިވަގުތު ސިޔާސީ މަޤާމުތަކުގެ މުސާރަ ކުޑަކުރުމާއި، ކުންފުނިތަކުގެ އެންމެ އިސް މަޤާމުތަކުގެ މުސާރަ ކުޑަކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މި މާރިޗު މަހުގެ 10 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދައުލަތުގެ ބަޖެޓުން ޚަރަދުތައް ކުޑަކުރެއްވުމަށް މަޝްވަރާ ކުރައްވައި، މުޅި ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް މިނިސްޓްރީ އޮފް ފިނޭންސުން މިއަދު ޢަމަލުކުރައްވަން ފެއްޓެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރައްވާއިރު، ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ކުރާ ޚަރަދުތަކުން އެއްވެސް ބައެއް އުނިނުކުރެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ކޯވިޑް19 އާއިގުޅިގެން ޤައުމާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ނިންމެވިނަމަވެސް ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.