ވިޔަފާރި

ކޯވިޑް-19 : އެމްޓީސީސީގެ ފެރީތަކުގައި ފަތުރުވެރިންނަށް ރަށްރަށަށް ދަތުރުކުރުން މަނާކޮށްފި


ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެމްޓީސީސީގެ ފެރީތަކުގައި ފަތުރުވެރިންނަށް ރަށްރަށަށް ދަތުރުނުކުރެވޭނެ ގޮތް ހަދައިފިއެވެ.

އެމްޓީސީސީން މިގޮތަށް ނިންމާފައިވަނީ ފަތުރުވެރިން ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި، ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަންގަވާފައިވަނިކޮށެވެ.

އެމްޓީސީސީން ބުނީ އެޗްޕީއޭގެ މި ނިންމުމާއެކު 14 މާޗުން ފެށިގެން އެމްޓީސީސީގެ އާންމު ފެރީތަކުގައި ފަތުރުވެރިންނަށް ރަށްރަށަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ޓިކެޓް ނުވަތަ ޕާސްޕޯޓު ދެއްކުމުން އެމްޓީސީސީގެ ފެރީތަކުގައި ދަތުރުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެމްޓީސީސީގެ ފެރީތަކުގައި ދަތުރުކުރެވޭނީ ވޯކް ޕާމިޓް ދެއްކުމުންކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ގިނަ ކުންފުނިތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ.

އެމްޓީސީސީ އާއި އެމްޕީއެލްއިންވެސް ދަނީ މި ބަލި ފެތުރުނަނުދިނުމަށްޓަކައި އެ ކުންފުނިތަކުން އޮޕަރޭޓްކުރާ ބަސްތައްވެސް ކޮންމެ ދުވަހަކު ޑިސްއިންފެކްޓުކުރަމުންނެވެ.