ވިޔަފާރި

ކޯވިޑް-19 : ޑިސްއިންފެކްޓްކުރުމަށްފަހު މާގިރި ހޮޓެލް ހުޅުވައިފި


ކޯވިޑް-19އާ ގުޅިގެން ބަންދުކޮށްފައިހުރި މާގިރި ހޮޓެލް ޑިސްއިންފެކްޓްކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

މާގިރި ހޮޓެލް ބަންދުކޮށްފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީވިލާތުގެ ފަތުރުވެރިޔާ ފުރައިގެން ދިޔުމުގެ ކުރިން މާގިރި ހޮޓެލްގައި ދެދުވަހު މަޑުކުރުމާއި ގުޅިގެން މުޅި ހޮޓެލް ޑިސްއިންފެކްޓްކުރުމަށެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ މާގިރި ހޮޓެލްގައި މަޑުކޮށްފައިވުމާއިއެކު މާގިރި ހޮޓެލްގައި 15 މީހަކު ރޫމް އައިސޮލޭޝަންގައި ބައިތިއްބާފައިވެއެވެ. އެހެންނަމަވެސް، މީގެ ތެރެއިން އެއްވެސް މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައެއް ނުވެއެވެ.

މާގިރި ހޮޓެލްގެ އިތުރުން ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީމީހާ ވަނީ ޔުނިވާސަލްގެ ޓިކެޓިންގ އޮފީހަށް ވެސް ޒިޔާރާތްކޮށްފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ޔުނިވާސަލްގެ ޓިކެޓިންގ އޮފީހުގައި ފަތުރުވެރިޔާ އާއި ކޮންޓެކްޓްވި މުވައްޒަފު ގައިގަ ކޯވިޑް-19 ވައިރަހުގެ އަސަރެއް ނެތްކަން ޔަޤީންކޮށްދެއްވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީނުކުރި ބައެއް ރިސޯޓުތައް މިހާރު ވަނީ ހުޅުވާފައެވެ.