ވިޔަފާރި

ކޯވިޑް-19 : ވަޒީފާގެ ބާޒާރަށާއި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރަނީ


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި ވިޔަފާރިތަކަށް ލިބޭ މާލީ ގެއްލުން ކުޑަކޮށް ވިޔަފާރިތައް ދެމެހެއްޓުމަށް ކުރެވޭނެ ކަންތައްތައް ބަލައި ފިޔަވަޅު އަޅަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާތަކާއި ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގެއްލުންތައް ކުޑަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރައްވަމުންދާކަމަށެވެ.

މީގެ އިތުރުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓްރެސްޓް ރޭޓުތަކެއްގައި ފައިނޭންސް ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކަމާއި ގުޅޭ ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނެކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބަދަލު އަންނަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ އިޤްތިސާދުގެ ބޮޑުބައެއް ހިއްސާކުރާ އެންމެ މުހިއްމު ސިނާޢަތްކަމަށްވާ ޓުއަރިޒަމް އިންޑަސްޓްރީއަށް ވަނީ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާންޖެހިފައެވެ.

މި ދަނޑިވަޅުގައި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއާއި އެހެނިހެން ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކާއި އެހެނިހެން ބޭންކުތަކުން ކުޑަ އިންޓްރެސްޓް ރޭޓްތަކެއްގައި ފައިނޭންސް ފޯރުކޮށްދިނުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ދިމާވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ 2 މިލިއަން ޑޮލަރާއި ހަމައަށް ލޯނު ދޫކުރުމަށް ނިންމާފައެވެ.

މި ލޯނުގެ ދަށުން މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވޯކިން ކެޕިޓަލްގެ ގޮތުގައި 2 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ. މި ލޯނު އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ލޯނުގެ އިތުރުން ވެސް ބީއެމްއެލްއިން ވަނީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ކުރު މުއްދަތެއްގައި ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ރަހުނަކާއި ނުލައި ލޯނު ދޫކުރެވޭ ޚިދުމަތެއްވެސް ތަޢާރަފްކޮށްފައެވެ. މި ޚިދުމަތުގެ ދަށުން ވިޔަފާރިވެރިންނަށް 3 މިލިއަން ރުފިޔާއާއި ހަމައަށް ލޯނަށް އެދެވޭނެއެވެ.