ޚަބަރު

ކޯވިޑް-19 : އިންޓަރނެޓާއި ކޭބަލްޓީވީގެ ވަސީލަތް ނެތް ދަރިވަރުންގެ މަޢުލޫމާތު ހޯދަނީ


އިންޓަރނެޓާއި، ކޭބަލް ޓީވީގެ ޚިދުމަތް ލިބެން ނެތް ސްކޫލް ދަރިވަރުން ތިބި ގެތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ސްކޫލްތަކުގެ ކިޔެވުން 1 ހަފްތާއަށް ފަސްކޮށްފައެވެ. ކޯވިޑް-19ގެ މަޢުލޫމާތު އާންމު ކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެކި ރަށްރަށުގައި ތިބި ދަރިވަރުންގެ ތެރެއިން އިންޓަރނެޓާއި ކޭބަލްޓީވީގެ ޚިދުމަތް ނުލިބޭ ދަރިވަރުންގެ މަޢުލޫމާތު އެޑިއުކޭޝަން މިނިސްޓްރީން އެއްކުރައްވަމުންދާކަމަށެވެ.

ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައިވާ ދުވަސްތަކުގައި ކިޔެވުމަށް ބުރޫއެރިއަ ނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ޕީއެސްއެމްގެ ޔެސްޓީވީ މެދުވެރިކޮށާއި އޮންލައިންކޮށް ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދޭން ފަށާފައެވެ. އަދި އޮންލައިން ކޮށް ކިޔެވޭނެ ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތްވެސް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ.

"މިހާރު އެބަ ބައެއް ފަރާތްތަކުން ބުނޭ އިންޓަނެޓާއި އަދި ކޭބަލް ޓީވީ ނުލިބޭ ކުދިންވެސް ތިބިކަމަށް. އެފަދަ ކުދިން އުޅޭ ގެތައް ދެނެގަތުމުގެ މަސައްކަތްވަނީ ފަށާފައި. އޭރުން އިންގޭނީ ދެން އެފަދަ ކުދިންނާއިމެދު ކަންކަންކުރަންވީ ގޮތް." މަބްރޫކް ވިދާޅުވިއެވެ.

މި މަސައްކަތުގެދަށުން މިހާރު ސްކޫލުތަކުންދަނީ ބެލެނިވެރިންނާއި މަޝްވަރާކޮށް މިފަދަ މަޢުލޫމާތުތައް އޮޅުންފިލުވަމުންނެވެ. އެގޮތުން އިންޓަރނެޓާއި، އަދި ލެޕްޓޮޕް ނުވަތަ ޓެބްލެޓް ނެތް ދަރިވަރުން ދެނެގަތުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.