ކޯވިޑް-19

ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި ފަރުދީ ޒިންމާ އިންތިހާއަށް މުހިންމު!


ޗައިނާގެ ވޫހާއިން ޑިސެންބަރު މަހު ފެތުރެންފެށި ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އޭގެ ތެރޭގައި އެޅި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ އާއްމުން ބޭރަށް ދިއުން މަނާކޮށް، މުޅި ޤައުމުގެ ގިނަ ސަރަހައްދުތަކެއް މުޅިން ބަންދު ކުރި ކުރުމެވެ.

ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުދެވޭހެން އެޅި މިފިޔަވަޅަށް އާންމުން އިޖާބަދީ، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު އަޑުއެހުމުގެ ސަބަބުން ޗައިނާގައި މިހާރު ކޮރޯނާ ވައިރަސް ދަނީ ކޮންޓްރޯލްވަމުންނެވެ. ނަމަވެސް ހަލުވިކޮށް ފެތުރުނު ބައްޔެއް މިހާ އަވަހަށް ކޮންޓްރޯލްކުރުމަށް މަގުފަހިވި އެންމެ ބޮޑު ސަބަބަކީ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހެދި ޤަވައިދުތަކާއި ހެދި އެކަންޏެއް ނޫނެވެ. މިއީ މިޤަވައިދުތަކަށް އާއްމުން ކިޔަމަންވެ ބޯލެނބުމުގެ ސަބަބުން ހޯދުނު ކާމިޔާބެކެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯކްކުރުމަށް ޗައިނާއިން ކުރަމުން ދިޔަ މަސައްކަތުގެ ވާހަކަތަށް، ޗައިނާއަށް ތައުރީފުކޮށް އެކި މީޑިއާ،ތަކާއި، ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި އަދި ނޫސްތަކާއި، އެހެނިހެން ފަރާތްތަކުން އާއްމުކުރަމުން ގެންދާއިރު، ސޯޝަލް މީޑިއާގައި ޗައިނާ އާއި ޗައިނާގައި އުޅޭ ގިނަ ބައެއް ދިޔައީ ބަންދުގެ ހާލަތުގައި ކަންކަން ކުރަމުންދިޔަ ގޮތް ހިއްސާކުރަމުންނެވެ.

މިހުރިހާ ފަރާތްތަކުންވެސް ބުނަމުން ދިޔައީ ކާފިއު އަދި ލޮކްޑައުންނާއި ހެދި ދަތިތަކާއި ކުރިމަތިވިނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތައް އަޑު އެހުމާއި، މިކަންކަމަށް އަމަލު ކުރުން އެއީ މުހިންމުކަމެއްކަމަށެވެ. އަދި ބަލި ކޮންޓްރޯލްކުރުމަށް އެންމެ ބޮޑު ބާރެއް އެޅީ އާންމުން ދިން އެއްބާރުލުން ކަމަށެވެ.

ޗައިނާގެ ޗޮންޗިންގައި ހުރި ބޭރު މީހަކު ސޯޝަލް މީޑިއާގައި ހާމަކުރިގޮތުގައި ކޮރޯނާ ފެތުރެން ފެށުމުން މިކަން ކޮންޓްރޯލްކުރުމަށް މުޅި ޗައިނާހެން އޮތީ ބަންދުކޮށްފައިވާ ހާލަތުގައެވެ. ކާބޯތަކެތި، ބޭސް ވިއްކާ ފިހާރަތަށް ފިޔަވައި އެހެން ހުރިހާ ތަނެއް ވަނީ ބަންދުކޮށްފައި ކަމަށެވެ. އަދި ކޮންމެ ގެއަކުންވެސް ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ބޭރަށް ދެވޭނީ އެކަކަށްކަމަށާއި، މިކަމުގެ ހުއްދަ ލިބެނީ ކޮންމެ ތިން ދުވަހުން އެއް ދުވަހުކަމަށެވެ. އަދި އެއީވެސް ކޮންމެ ގެއަކަށް ދީފައިވާ އެއް ފާސް ބޭނުންކޮށްގެން ކަމަށެވެ.

އޭނާ ބުނީ މިގޮތުން ނުކުމެ އުޅޭ އިރު، މާސްކް އެޅުމަކީ ކޮންމެހެން ކުރަން މަޖުބޫރު ކަމެއްކަމަށެވެ. އަދި ދާ ކޮންމެ ތަނަކުންވެސް މީހުންގެ ޓެންޕަރޭޗަރ ނުވަތަ ހުން ހުރޭތޯ ބަލާކަމަށެވެ. އަދި އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުން ކޮންމެ މީހަކުވެސް ހޭންޑް ސެނަޓައިޒަރ ބޭނުންކުރާ ކަމަށެވެ.

އަނެއްކޮޅުން ކެފޭ، ޕާކު އަދި އާންމު އެހެނިހެން ތަންތަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ޒަރޫރީ ބޭނުމެއްގައި އެއްޗެއް ގަތުމަށްޓަކައި ނޫނީ އާއްމުން ބޭރަށް ނުނުކުންނަ ކަމަށެވެ. އަދި މުޅި ޗައިނާގައިވެސް މިކާފިއު، ލޮކްޑައުން 40 ދުވަހަށް ހިންގި އިރު، މިކަމުން ހާސިލްކުރަން ބޭނުންވި ލަނޑުދަޑި ހާސިލް ކުރެވުނީ އާންމުންގެ އެއްބާރުލު ލިބުނު މިންވަރުން ކަމަށް ޗައިނާއިން ބުނެއެވެ.

ކޮރޯނާ ފުރަތަމަ ޗައިނާގެ ވޫހާންއިން ފެނިގެން މުޅި އެސަރަހައްދާއި އެހެން ހިސާބުތަކަށް ފެތުރެން ފެށި އަވަސް މިނުން ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ މިކަން ކޮންޓްރޯލުން ނެއްޓިގެން ދާނެކަމަށެވެ. ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އެޅި ފިޔަވަޅުތަކާއި، މިކަމުގައި އާންމުން ދިން އެއްބާރުލުމުން ބަލި ކޮންޓްރޯލްވުމަށް މަގު ފަހި ވެގެން ދިޔައެވެ. ޗައިނާގައި މިހާރު ކޮރޯނާއަށް އެޅި ވަގުތީ ހޮސްޕިޓަލްތައްވެސް ވޫހާން ގަޔާއި އެހެން ސަރަހައްދުތަކުގައިވެސް ދަނީ ބަންދު ކުރަމުންނެވެ. އަދި އާންމު ދިރިއުޅުމުގެ ހާލަތަށް ގިނަ ތަންތަން ދަނީ ބަދަލުވަމުންނެވެ.

ކޮރޯނާ ފެތުރޭ ކޮންމެ ޤައުމަކުންވެސް ޗައިނާއިން ކުރި ގޮތަށް މަސައްކަތް ކޮށްފިނަމަ މިވައިރަސްގެ ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. އަދި ޗައިނާއިން ކޮށްފައިވާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވަނީ ތައުރީފުވެސް ކޮށްފައެވެ.

ބަލި ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް ލަސްނުކޮށް އަޅަފިނަމަ، ކޮންމެ ޤައުމަކަށްވެސް މިވައިރަސް ކޮންޓްރޯލްކުރެވިދާނެ ކަމަށް ޑަބްލިއުއެޗްއޯއިންވެސް ވަނީ ބުނެފައެވެ. ނަމަވެސް މިކަން ކުރެވޭނީ ކަމާބެހޭ ފަރާތްތަކުން ކަޑައަޅާ ކަންކަމަށް އާންމުން ސަމާލުވެ، މިކަންކަން ތަންފީޒުކުރުމުން ކަމަށެވެ.

ރާއްޖެ ފަދަ ކުޑަކުޑަ ޤައުމެއްގައި މިފަދަ ބަލިމަޑުކަމެއް އާންމުކޮށް ފެތުރެން ފަށައިފިނަމަ މިކަން ވެގެންދާނީ ވަރަށް ނުރައްކާތެރިކަމަށް ކަމުގައި ވާއިރު، މިހެން މިކަން ވިޔަ ނުދިނުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާރަން ޖެހެއެވެ.

މިދަނޑިވަޅުގައި އަސާސީ ބޭނުމަކަށް މެނުވީ ބޭރަށް ނުދިއުމާއި، ތަންތަނަށް އެއް ނުވުމާއި، ބަލީގެ އަލާމަތް ފެނިއްޖެއްނަމަ، އެކަހެރިވެ ހުރުމަކީ ކޮންމެ މީހަކަށްވެސް އަމިއްލަޔަށް ކުރެވިދާނެ ކަމެކެވެ. ޓީޝޫ މާސް ބޭނުންކޮށްފައި، ނައްތާލާއިރު، އެންމެ އެކަށީގެންވާގޮތުގައި ނައްތާލުމާއި، ކޮފީ، ބުރު ޖެހުމަށް މަގުތަކަށް ނުނުކުތުން އެއީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.