ޚަބަރު

ކޯވިޑް-19: އިރުޝާދުތައް އަޑުއައްސަވާ، މިއީ އާއްމު ސާފުތާހިރުކަމަށް އިސްކަންދޭންވީ ވަގުތު - ނައިބު ރައީސް


މިއީ ކަމާބެހޭ އިދާރާތަކުންދޭ އިރުޝާދުތައް އަޑުއައްސަވާ، އާއްމު ސާފުތާހިރުކަމަށް އިސްކަންދޭންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވަނީ ކޯވިޑް-19 އިން ރައްކާތެރިވެ، ތިބުމަށްޓަކައި އާއްމު ސާފުތާހިރުކަމަށް ޙާއްސަ އިސްކަމެއްދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވީހާވެސް ގިނައިން އަތްދޮވުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ހުއްޓާލުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން މި ހާލަތުގައި ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތައް އަޑުއައްސަވާ، އެއަށް ޢަމަލު ކުރެއްވުމަށް އެމަނިކުފާނުވަނީ ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ޕެންޑަމިކް"އެއްގެގޮތުގައި ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި "ކޯވިޑް-19" ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ގިންގިކޮށްފައިވާއިރު، ރާއްޖޭގައި މިހާރު ވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ސްކޫލްތައް އެއް ހަފްތާއަށް ބަންދުކޮށް، އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުންވެސް 18 އޭޕްރީލްއަށް ވަނީ ފަސްކޮށްފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ފަރުދީ ފެންވަރުގައި އެޅެންހުރި ފިޔަވަޅުތައް އަޅާ، އާއްމު ސާފުތާޙިރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ސިއްޙީ ތަޖުރިބާކާރުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ބޭރަށް ނުކުމެ ނޫޅުމަށާއި، ކެއްސާ ކިބިހި އަޅާނަމަ އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް އެފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ. އަދި ސައިބޯނި ލައިގެން ވީހާވެސް ގިނައިން އަތްދޮވުމަށް ޞިއްޙީ މާހިރުން ވަނީ ލަފާދީފައެވެ.