ކޯވިޑް-19

ކޯވިޑް-19: އެމް.ޑީ.ޕީން ކައުންސިލް އިންތިޚާބަށް ކުރަމުންދިޔަ ކެމްޕޭން އެއްކޮށް މެދުކަނޑާލައިފި


ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައި ވާތީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމް.ޑީ.ޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރަމުންދިޔަ ކެމްޕޭން ހުރިހާ ހަރަކާތެއް އެއްކޮށް މަދުކަނޑާލުމަށް އެ ޕާޓީން ނިންމައިފިއެވެ.

މިކަން ހާމަކޮށް، އެމް.ޑީ.ޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މި ހާލަތުގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެޕާޓީގެ ފަރާތުން މަރުޙަބާ ކިޔާކަމަށާއި، އެކަންކަމަށް އެ ޕާޓީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުންދޭނެކަމަށެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ރައްޔިޔުންގެ ކިބައިން ސަރުކާރުން އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި އެމް.ޑީ.ޕީގެ މެމްބަރުންނާއި، އެންމެހާ ވަސީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތްކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމް.ޑީ.ޕީން ވަނީ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގެ ޙަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގުމަށް އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށާއި، ކެމްޕޭން ޓީމުތަކަށް އަންގާފައެވެ.

މީގެ އިތުރުން ކޯވިޑް-19އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމެޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާގުޅިގެން، ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންނަށް އެކަށީގެންވާ މުއްދަތެއް ނުލިބޭކަމުގެ ކަންބޮޑުވުން އެ ޕާޓީގެ ފަރާތުން މި ބަޔާނުގައި ފާޅުކޮށްފައިވެއެވެ.

އެގޮތުން ކެމްޕޭން ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ 6 ދުވަސްކަމަށް ވާތީ، މިއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށާއި، އެއީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއްކަން އެމް.ޑީ.ޕީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކެމްޕޭން ކުރުމަށްޓަކައި ޤާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނޭކަން ކަށަވަރުކޮށްގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްވެސް އެމް.ޑީ.ޕީން ވަނީ ގޮވާލާފައެވެ.