ޚަބަރު

ކޯވިޑް-19: އޭޑީކޭ ހޮސްޕިޓަލުން "އޮންލައިން ފްލޫ ކްލިނިކް"އެއް ޤާއިމުކޮށްފި


އޭޑީކޭ ހޮސްޕިޓަލުން "އޮންލައިން ފްލޫ ކްލިނިކް"އެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނީ، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް ހިލޭ ހޯދޭނެކަމަށާއި، ކޮންމެ ދުވަހެއްގެވެސް ހެނދުނު 8 އިން ރޭގަނޑު 8 ޖެހުމާއި ހަމައަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅޭނެކަމަށެވެ.

އޮންލައިން ފްލޫ ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކަށް ޑިޖިޓަލް މެމޯއެއް ފޯނަށް ލިބޭނެކަމަށާއި، ވައިބަރ ނުވަތަ ސްކައިޕްގައި ބޭނުންކުރާ ނަންބަރު ހޮސްޕިޓަލާއި ހިއްސާކުރުން މުހިއްމުކަމަށް އޭޑީކޭއިން ބުނެއެވެ. އަދި "އާސްކް އޭޑީކޭ" މެދުވެރިކޮށް ވައިބަރ، ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖަރއިން ކިއު ތަރުތީބު ބަލާލެވޭނެ ކަމަށާއި، ކިއު ތަރުތީބުން އޮންލައިން ކްލިނިކްގެ ޑޮކްޓަރު ގުޅަމުންދާނެކަމަށާއި، ބަލިމީހާގެ މަޢުލޫމާތު ހިއްސާކުރުމަށްފަހު ކޮންސަލްޓޭޝަންގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ފްލޫ ކްލިނިކް މެދުވެރިކޮށް ބަލީގެ އަލާމާތްތަކުގެ ތަފްޞީލު ހޯދާ، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގޭގައި ބޭސްކުރުމާއި، ރައްކާތެރި ބޭސް ބޭނުންކުރާނެ ގޮތްތައް ބޭސް ސިޓީއަކުން ފޯރުކޮށްދީ، ބަލިމީހާ ދެން ޢަމަލުކުރަންވީގޮތުގެ މަޢުލޫމާތު ހިއްސާކުރެވިގެންދާނެކަމަށް އޭޑީކޭއިން މަޢުލޫމާތުދެއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން "އޮންލައިން ފްލޫ ކްލިނިކް"އެއް ޤާއިމުކޮށްފައިވާއިރު، ކޯވިޑް-19 ނުވަތަ ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކުން އާއްމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި، އެ ފަރާތްތަކަށް ޚާއްސަކޮށްގެން މާލޭގެ 3 ސަރަޙައްދެއްގައި ވަނީ ފްލޫ ކްލިނިކްތައް ޤާއިމުކޮށްފައެވެ. އެގޮތުން އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް ފަރާތްތަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކް ޙާއްސަކޮށްފައިވާއިރު، 14 ދުވަހުގެ ޓްރެވަލް ހިސްޓްރީއެއް އޮތް ފަރާތެއްނަމަ މާލޭ ހިޔާ 2ގެ ފުރަގަހުގައި ޤާއިމުކޮށްފައިވާ ޓްރެވަލާރސް ކްލިނިކަށް ދެއްކޭނެ އިންތިޒާމް ވަނީ ޤާއިމުކޮށްފައެވެ. އަދި ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައިވެސް ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ ފްލޫ ކްލިނިކެއް ޤާއިމުކޮށްފައިވެއެވެ.