ޚަބަރު

ކޯވިޑް-19: ޕޮލިޓެކްނިކްގެ ކިޔެވުން އެއް ހަފްތާއަށް ފަސްކޮށްފި


މޯލްޑިވްސް ޕޮލިޓެކްނިކްގެ ކިޔެވުން އެއް ހަފްތާއަށް ފަަސްކޮށްފިއެވެ.

ޕޮލިޓެކްނިކްގެ ކިޔެވުން ފެށުން މިޑް-ޓަރމް ބްރޭކާއިއެކު އެއް ހަފްތާއަށްފަހު ފެށުމަށް ނިންމާފައިވީނަމަވެސް، މިހާރު ވާރޗުއަލްކޮށް ކުރިއަށްދާ ކޯސްތައް ކުރިއަށްދާނެކަމަށް އެ މުއައްސަސާއިން ވަނީ ނިންމާފައެވެ.

ޕޮލިޓެކްގެ ކިޔެވުން އެއް ހަފްތާއަށް ފަސްކުރަން ނިންމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކާ ދަރިވަރުންނާއި މުދައްރިސުން ރައްކާތެރިކުރުމުގެ ގޮތުންކަމަށް ޕޮލިޓެކްނިކުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކޯވިޑް-19 އިން ފެތުރުން ކޮންޓްރޯލްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުންވެސް ވަނީ 1 ހަފްތާއަށް މެދުކަނޑާލާފައެވެ.

ހަމައެހެންމެ ސްކޫލްތަކުގައި އިތުރުގަޑީގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންވެސް ވަނީ އެތަންތަނުގައި ކުރިއަށްގެންދާ އިތުރު ގަޑީގެ ހަރަކާތްތައް މުއްދަތެއްނެތްގޮތަށް މެދުކަނޑާލާފައެވެ.