ޚަބަރު

ކޯވިޑް-19: މިހާތަނަށް 3 ރިސޯޓަކުން 419 ފަތުރުވެރިއަކު ވަނީ ފުރުވާލާފައި

ކޯވިޑް 19 ފެނިފައިވާ 3 ރިސޯޓަކުން މިހާތަނަށް 419 މީހަކު ފުރުވާލާފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މި ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނުމުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް ކޯވިޑް-19 ފެނުނު ރިސޯޓްތަކުގެ ތެރެއިން ބަތަލާ ރިސޯޓުން 126، މީހަކާއި ކުރަމަތި ރިސޯޓުން 73 މީހަކު އަދި ކުރެއްދޫއިން 220 މީހަކު އެމީހުންގެ ޤައުމަށް ފުރުވާލާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ފުރުވާލި ފަތުރުވެރިންނަކީ ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ނުވާ މީހުންކަމަށެވެ.

ކޯވިޑް-19ގެ އަލާމާތްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ރަށްތަކާއި ރިސޯޓްތަކުގެ މަޢުލޫމާތުވެސް މަބްރޫކް ވަނީ ދެއްވާފައެވެ.
އެގޮތުން:

ބ.ފެހެންދޫ

އެރަށަށްދިޔަ ފަތުރުވެރިއެއްގެ ކިބައިން ކޯވިޑް-19ގެ އަލާމާތް ފެނުުމާ ގުޅިގެން އޭނާ ވަނީ އެކަހެރިކޮށް މޮނިޓަރ ކުރަން ފަށާފައެވެ. އަދި ޑޮކްޓަރުންގެ މިހާރު އެރަށަށް ދަނީ ދަތުރުކުރަމުންނެވެ.

ސިކްސް ސެންސަސް ލާމު

4 މީހަކު ވަނީ އެކަހެރިކޮށްފައެވެ. އެ މީހުން އެކަހެރިކޮށްފައިވަނީ އެމީހުން ބައިވެރިވި، އެމީހުންގެ އަމިއްލަ ޤައުމުގައި އޮތް ކައިވެނި ހަފްލާއަކަށްދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާތީއެވެ. ނަމަވެސް އެމީހުންގެ ގައިން އަދި މިހާތަނަށް ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.

އޮޅުވެލި ރިސޯޓް

2 މީހެއްގެ ގައިގައި ކޯވިޑް-19 ނެތްކަން ކަށަވަރު ކުރުމަށް ޓެސްޓު ކުރަމުންދަނީ

އޮބްލޫ ސަންގެލި ރިސޯޓް

2 މީހަކު ޓެސްޓްކުރެވި ޓެސްޓްތަކުގެ ނަތީޖާވަނީ ނެގެޓިވް ވެފައެވެ.

އަނަންތަރަ ރިސޯޓް

އެކަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 12 މީހަކު ވަނީ އެކަހެރިކޮށްފައެވެ.

ކުރެއްދޫ ރިސޯޓް

4 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މިހާރު އެ ރިސޯޓުގައި 496 ފަތުރުވެރިންނާއި 709 މުވައްޒަފުން އެބަތިއްބެވެ. އެ ރިސޯޓްގައި އެގްޒިޓް ސްކްރީނިން ވަރަށް ބާރަށް ދަނީ ކުރެވެމުންނެވެ.


މަބުރޫކް ވިދާޅުވީ މި ރަށްތަކުގެ އިތުރުން މިއަދު ސަފާރީއެއްގައި ތިބި ދެމީހެއްގެ ގައިން ކޯވިޑަށް ޝައްކުރެވޭ އަލާމާތްތައް ފެނުމުމާ ގުޅިގެން އެދެމީހުން އެސަފާރީގައި އެކަހެރިކޮށް މޮނިޓަރ ކުރަމުންދާކަމަށެވެ.

މިހާތަނަށް ރާއްޖޭގައި 101 ސާމްޕަލް ކޯވިޑް-19އަށް ޓެސްޓްކޮށްފައިވާކަމަށްވެސް މަބުރޫކް ވަނީ ވިދާލުވެފައެވެ. އަދި މިހާތަނަށް ކުރި ޓެސްޓްތަކުގެ ތެރެއިން 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު، 92 މީހަކު ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނެގި ސާމްޕަލްގެ ތެރެއިން ނަތީޖާ ނުލިބެނީ 18 ސާމްޕަލެއްގައި ކަމަށްބެސް މަބްރޫކް ވިދާޅުވިއެވެ.