ޚަބަރު

ޖަލުތަކުގައި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލައިފި


ޤައިދީންނާއި ބަންދުމީހުންގެ އިތުރުން ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ޢާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާ ކޯވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގައި 30 ދުވަހަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާތީ، ޤައިދީންނާއި ބަންދުމީހުންގެ އިތުރުން ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި ޖަލުތަކުގައި ތިބި ޤައިދީންނަށާއި ބަންދުމީހުންނަށް، ޢާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުން ވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. ނަމަވެސް، ޢާއިލާއާ އޮންނަ ގުޅުން ބަދަހިކޮށް، އިތުރު ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން މިހާރު ފޯން ކޯލް ދެމުންދާ މިންވަރު އިތުރު ކުރުމަށް ކަރެކްޝަންނުން ވަނީ ނިންމާފައެވެ.

ހުޅުމާލެ ޖަލާއި މާލެ ޖަލުގައި އެކަހެރި ބައްދަލުވުމުގެ ފުރުޞަތު ދެވޭނެގޮތް ހަމަޖައްސައިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

ކޯވިޑް 19 އާއި ގުޅިގެން އާންމުން އެއްވެ އުޅޭ ތަންތަނާއި، އެފަދަ ބައްދަލުވުންތައްވެސް ނުބޭއްވުމަށް ސަރުކާރުންވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކަމާ ގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވެ އެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.