ޚަބަރު

ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ޔޫޓިއުބާއި ޕީއެސްއެމްގެ ޗެނަލަކުން


ކޯވިޑް 19 ގުޅިގެން ޕީއެސްއެމްގެ ޗެނެލަކުންނާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް އެއްހަފްތާއަށް ބަންދުކޮށްފައިވާތީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅު ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން ޕީއެސްއެމްގެ ޗެނަލަކާއި ޔޫޓިއުބްފަދަ ވަޞީލަތްތަކުން ފިލާވަޅުތައް ފޯރުކޮށްދޭނެކަމަށެވެ.

އަދި އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ އެޑިޔުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެންކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އަދި އިތުރު ރިސޯސްތައް އެކަމަށް ޚާއްސަކޮށްފައިވާ ވެބްޕޯޓަލްއާއި "ގޫގުލް ޑްރައިވް" މެދުވެރިކޮށް ލިބެން ހުންނާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ ހުރިހާ ގްރޭޑްތަކެއްގެ ފިލާވަޅުތައް މި ވަސީލަތްތައް މެދުވެރިކޮށް ފޯރު ކޮށްދިނުމަށް ތައްޔާރުވަމުންނެވެ. އަދި މިއަހަރު ގްރޭޑް 10އެއްގައި ކިޔަވާ ދަރިވަރުންނާއި އޭ.އެސް ލެވެލް އިމްތިހާންގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް މިމަހުގެ 15 އިން ފެށިގެން މި ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށާއި އަދި އެހެނިހެން ގްރޭޑްތަކުގެ ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.