ކޯވިޑް-19

ކޮވިޑް 19 އަށް ބ. އަތޮޅުގެ އާންމުނާ ރިސޯޓްތައް ހޭލުން ތެރިކުރަނީ


ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ބ.އަތޮޅުގެ އާންމުނާ ރިސޯޓްތައް ހޭލުންތެރި ކުރަމުންދާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. މި ބަލީގެ ނުރައްކަލާ މިބަލި ފެތުރޭ ގޮތްތަކާ، މި ބަލިން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަޅުތަކާ ގުޅޭ މައުލޫމާތު، ބ.އަތޮޅު އޭދަފުށީގައި ހުރި ސަރުކާރު މުއައްސަސާތަކާ ކުންފުނިތަކުގެ ވެރިންނަށް އޮޅުންފިލުވައި ދިނުމުގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ބ. އަތޮޅަކީ ގިނަ ރިސޯޓްތަކާ ގެސްޓްހައުސްތައް އޮޕަރޭޓް ކުރާ އަތޮޅަކަށްވުމުން، ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ފަތުރުވެރިން، ބައެއް ޚިދުމަތްތައް ހޯދުމަށް އަންނަނީ އޭދަފުށިންނެވެ. މިކަމާގުޅިގެން ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ސެނެޓައިޒާ އާ ޓިޝޫ ފަދަ ތަކެތި އެކަށިގެންވާ އިންތިޒާމެއްގެ ދަށުން ޢާއްމުންނަށް ފޯރުކޮށް ދިނުމަށް ބ.އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

ބ.އަތޮޅުގެ ރިސޯޓްތަކާ ގެސްޓްހައުސްތައް ބައިވެރި ކޮށްގެން ހޭލުންތެރިކަމަުގެ މަޢުލޫމާތު ފޯރުކޮށްދެނީ ފޯން ކޮންފަރެންސް މެދުވެރި ކޮށެވެ. ކޯވިޑް-19 ގުޅޭ ޢަލާމަތްތައް ފެނިއްޖެނަމަ ބ.އަތޮޅު ހޮސްޕިޓަލަށް ގުޅުމުން ޑޮކްޓަރުންގެ ޓީމުން އެބަލިމީހެއް ހުރިތަނަކަށް ދިއުމުގެ އިންތިޒާމުވެސް ބ.އަތޮޅުގެ ހުރިހާރަށެއްގައި ހަމަޖެހިފައިވާކަމަށް ހޮސްޕިޓަލްގެ މެނޭޖަރު މުޙައްމަދު ރޝީދު ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންނަށް ޒިޔާރަތް ނުކުރުމަށާއި، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ބ.އަތޮޅު ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.

މިހާތަނަށް މިބަލީގެ އެއްވެސް އަލާމާތެއް ބ.އަތޮޅުން ފެނިފައެއް ނުވެއެވެ.