ކޯވިޑް-19 އިތުރަށް ފެތުރޭނަމަ ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގައި ހުރި ޞިއްޙީ ސާމާނު ހުސްވުމުގެ ބިރު އެބައޮތްކަމަށް ބުނެފިއެވެ.
ވިލާތުގެ އިއްތިޙާދުގެ ޞިއްޙަތާއި ބެހޭ ކޮމިޝަނަރު ސްޓެލާ ކައިރިއަކައިޑްސް ވިދާޅުވީ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު މަދުވެފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ. ނަމަވެސް ވައިރަސް އިތުރަށް ފެތުރެމުންދާނަމަ ސާމާނު ހުސްވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާތުގެ އިއްތިޙާދުގެ ކާރިޘާތަކާ ދެކޮޅަށް މަސައްކަތްކުރާ އިދާރާގެ އިސްވެރިޔާ ޖަނޭޒް ލެނާކިކް ވިދާޅުވީ ވައިރަސް އިތުރަށް ފެތުރޭނަމަ ބޭނުންވާ މިންވަރަށް ޞިއްޙީ ދާއިރާއާ ގުޅުންހުރި ސާމާނު އުފެއްދުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހިދާނެކަމަށެވެ. ވިލާތުގެ އިއްތިޙާދުގެ އިސްވެރިންވަނީ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާނެގޮތާމެދު މަޝްވަރާކޮށްފައެވެ.
ދުނިޔޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ 7 ޤައުމުގެ ތެރޭގައި ވިލާތުގެ ބޮޑު 4 ޤައުމެއް ހިމެނެއެވެ.