ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އިޓަލީވިލާތް އެއްކޮށް ބަންދުކުރުމުން އެޤައުމުގެ މަގުތަކާ އާންމުން އެއްވެއުޅޭ ސަރަޙައްދުތައް ފަޅުވެއްޖެއެވެ.
އޭޕްރިލް މަހުގެ 3ވަނަ ދުވަހާހަމައަށް 60 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިޓަލީވިލާތް ބަންދުކޮށްފައިވާކަން ބޮޑުވަޒީރު ގުސެއްޕެ ކޮންތޭ އިޢުލާންކުރެއްވުމުން އެޤައުމުގައި ދިރިއުޅޭ މީހުންވަނީ ފިހާރަތައް ފުރާލާ ގެއަށް ބޭނުންވާ ސާމާނު ގަނޑުކޮށް ގަނެފައެވެ. ޚިދުމަތް ހޯދާ މީހުންގެ ދެމެދުގައި އެއް މީޓަރުގެ ދުރުމިނެއް ބެހެއްޓޭނެކަމުގެ ޔަޤީންކަންދޭ ފިހާރަތައް ހުޅުވުމުގެ ޙުއްދަވަނީ ދީފައެވެ. ސަރުކާރުން ނެރުނު ޤަރާރާއި އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
އަލަށް ނެރުނު ޤަރާރުގައިވަނީ މަޖުބޫރީ ޙާލަތްތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް އިރުޝާދު ދީފައެވެ. އިޓަލީވިލާތުގައި އާންމު ދަތުރުފަތުރުގެ ޚިދުމަތް ހުއްޓައެއް ނުލައެވެ. ނަމަވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ މީހުން ދަތުރުކުރަން މަޖުބޫރުވާ ޙާލަތާއި ސަބަބު ބަޔާންކޮށްފައިވާ ލިޔުމެއް ގެންގުޅެންޖެހެއެވެ. ދަތުރުކުރާ ސަބަބާމެދު ދޮގުހަދާނަމަ ޖޫރިމަނާކުރުން ނޫނީ ޖަލަށްލުމަށްވަނީ ނިންމާފައެވެ. ނަމަވެސް އިޓަލީވިލާތުގެ ސަރުކާރުން ފިޔަވަޅުތައް އެޅީ ލަހުންކަމަށް ބައެއް މީހުން ބުނެއެވެ. އަދި ގެއިން ބޭރަށް ނުކުތުމުގެ ޙުއްދަ އޮންނަނަމަ މުޅި ޤައުމު އެއްކޮށް ބަންދުކުރުމުގެ މާބޮޑު ބޭނުމެއް ނެތްކަމަށް ބައެއް މީހުން ދެކެއެވެ. ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން ކާމިޔާބުކަމާއެކު އަޅުމުންދާ ފިޔަވަޅުތަކުން ފިލާވަޅު ލިބިގަންނަން ޖެހޭކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.
މިހަފުތާގެ ކުރީ ކޮޅުން ފެށިގެން އިޓަލީވިލާތުގެ ދެކުނުގެ ބޮޑު ސަރަޙައްދެއްވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި މައި ސިނާޢީ ދެރަށްކަމުގައިވާ ލަމްބާޑީއާއި ވެނެތޯ ހިމެނެއެވެ. އެޤައުމުގެ އިޤްތިޞާދީ މަރުކަޒުކަމުގައިވާ މިލާނުގެ މަގުތަކުންވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
ޗައިނާގައި އުފެދި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ އިޓަލީވިލާތެވެ. އެޤައުމުގައި މިހާތަނަށް 10،000އަށްވުރެ ގިނަ މީހުނަށް ވައިރަސް ޖެހި، މަރުވި މީހުންގެ ޢަދަދުވަނީ 600އަށްވުރެ އިތުރުވެފައެވެ.