ޚަބަރު

ކޯވިޑް19: ދިވެއްސެއްގެ ގައިން އަލާމާތްތައް ފެންނާތީ ވިލަމެންދޫ ރިސޯޓަށް އަރައިފޭބުން މަނާކޮށްފި


ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ދިވެއްސެއްގެ ގައިން ފެނުމާއި ގުޅިގެން އދ. ވިލަމެންދޫ ރިސޯޓަށް އަރައި ފޭބުން ވަގުތީގޮތުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސަކު ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މޮނިޓަރ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިންގ" ހެދުމަށް އެ ރިސޯޓަށް އަރައި ފޭބުން ވަގުތީ ގޮތުން ހުއްޓުވާލާފައިވާކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

އެޗް.ޕީ.އެއިން އެންމެފަހުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭން މިހާތަނަށް ކޯވިޑް-19އަށް 6 މީހަކު ޕޮސިޓިވްވެފައިވާއިރު މި އެންމެންނަކީވެސް ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 2 މީހަކަށް ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި ފަރުވާދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި ބައްޔަށް ޝައްކުކުރެވޭފަދަ އަލާމާތްތައް ހުރުމުގެ ސަބަބުން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު 9 މީހަކު ބަހައްޓާފައިވާކަމަށްވެސް އެޗް.ޕީ.އިން ވަނީ ވިދާޅުވެފައެވެ.

ވިލަމެންދޫ އަކީ މީހުން އަރައިފޭބުން މަނާކުރި 3 ވަނަ ރިޒޯޓެވެ.