ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ހިންގަމުންދާ ޔަހޫދީންނަށް 2.8 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ވިއްކުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާއްވަވަމުން ގެންދަވާ ކަން ހާމަވެއްޖެއެވެ. މި މުޢާމަލާތުގެ މަޢުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، މީގެ ތެރޭގައި ފަނާކުރުމުގެ ބާރުގަދަ 2،000 ޕައުންޑުގެ އެތައް ހާސް ބޮމެއް ހިމެނޭ ކަމުގައެވެ. ކޮންގްރެސްގެ ކަމާބެހޭ ކޮމިޓީތަކަށް ނުރަސްމީކޮށް މި ކަން އަންގާފައިވާއިރު، ނަން ހާމަކޮށްފައިނުވާ އެ އޮފިޝަލް ވިދާޅުވީ، މީގެ ތެރޭގައި އެމްކޭ-84 މަރުކާގެ 20،000 ބޮމާއި ބީއެލްޔޫ-117 މަރުކާގެ 20،000 ބޮން ހިމެނޭ ކަމުގައެވެ. މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކުރީ އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންގޓަން ޕޯސްޓުންނެވެ.
މި ހަތިޔާރު ޕެކޭޖާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާއާއި އެމެރިކާގައި ހުންނަ ޔަހޫދީންގެ ސަފާރާއިން ބަހެއް ނުބުނެއެވެ. ޣައްޒާ ޤަތުލުޢާންމު 2023 ގައި ފެށި ފަހުން، އެމެރިކާގެ ޢާންމުން ޔަހޫދީންނަށް ކުރާ ތާއީދު ވަނީ ދަށަށް ގޮސްފައެވެ. ކުއިނިޕިއެކް ޔުނިވަރސިޓީން ހަދާފައިވާ ޚިޔާލު ހޯދުމުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ އެމެރިކާ ރައްޔިތުންގެ ތެރެއިން %48 މީހުންނާއި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން %66 މީހުން ދެކޭ ގޮތުގައި އެމެރިކާ ސަރުކާރުން ދަނީ ޔަހޫދީންނަށް "މާ ބޮޑަށް" ވާގިވެރިވަމުންނެވެ. މިއީ، 2017 ވަނަ އަހަރު މި ނިސްބަތް %16 އަދި %20 ގައި ހުރުމަށްފަހު ބޮޑުވި ޢަދަދެކެވެ.
ޔަހޫދީ ފައުޖަށް ފޯރުކޮށްދިނުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ބޮންތަކަކީ ޔަހޫދީން ޣައްޒާއާއި ލުބްނާންގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބޭނުންކުރާ ހަތިޔާރުތަކެކެވެ. މި ކަމާމެދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ޔަހޫދީންގެ ޢުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ 73،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ. އަދި، ޔަހޫދީން ޣައްޒާގައި ނަސްލުހޭދެއް ހިންގަމުންދާ ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) ތަޙުޤީޤަކުން ނިންމާފައިވާއިރު، ޔަހޫދީން އެ ކަމަށް އިންކާރުކުރެއެވެ.
އެމެރިކާއާއި ޔަހޫދީން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ވެސް ޣައިރުޤާނޫނީ ހަނގުރާމައެއް ފަށާފައިވާއިރު، އީރާނުން ވަނީ ޔަހޫދީންނަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް ރައްދު ހަމަލާތަކެއް ދީފައެވެ. އެމެރިކާއާއި ޔަހޫދީން އީރާނަށް ދިން ހަމަލާތަކުގައާއި ޔަހޫދީން ލުބްނާނަށް ދިން ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުވެ، އެތައް މިލިޔަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.