ޚަބަރު

މިހާރު އަންނަ އިޓަލީ ފްލައިޓްތައް އަންނަނީ ފަތުރުވެރިން ބަލާ


ރާއްޖެއަށް މިހާރު އިޓަލީން އަންނަމުންދާ ފްލައިޓްތަކަކީ މިވަގުތު ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވުމަށް އަންނަ ހުސް ފްލައިޓްތަކެއްކަމަށާ، މިކަމާމެދު ކަންބޮޑުނުވުމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު އެދިވަޑައިގެންފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ އިޓަލީން ރާއްޖެއަށް ފްލައިޓްތައް އައުން ވަގުތީގޮތުން މެދުކަނޑާލާފައިވީނަމަވެސް ރާއްޖޭގައި މިހާރު ތިބި އިޓަލީގެ ފަތުރުވެރިން އަނބުރާ ޤައުމަށް ގެންދިއުމަށް ހުސް ފްލައިޓައް އަންނަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ތިބި އިޓަލީގެ ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވުމަށް ސަރުކާރާއި އެކި އެއަރލައިންސްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ.

"އިޓަލީގައި ތިބި ފަތުރުވެރިން އަނބުރާ ގެންދިއުމުގެ މަސައްކަތްވެސް އެބަކުރެވޭ. ހުސް ފްލައިޓްތައް އަންނާނެ. ތިބޭފުޅުންގެ ސިސްޓަމްތަކުން ދައްކަފާނެ އިޓަލީގެ ފްލައިޓްތައް އަންނަމުންދާކަމަށް. އެކަމަކު އެއީ ހުސް ފްލައިޓްތަކެއް. ފަތުރުވެރިން އަންނަ ފްލައިޓްތަކެއް ނޫން. އެއީ ޑައިރެކްޓް ފްލައިޓްސްތަކުގައި ރާއްޖެ އައިސްތިބި ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތައް. އެހެންކަމުން، އެއާއި ބެހޭ އިންތިޒާމުތައް އެއަރލައިންސްތަކާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން މިދަނީ ކުރަމުން. ޓްރާންސިޓް ފްލައިޓްތަކުގައި ދަތުރުކުރައްވާ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން މިވަނީ އިންތިޒާމުތައް ހަމަޖައްސާފަ." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

އިޓަލީއިން ރާއްޖެ އަންނަ ފްލައިޓްތައް މެދުކަނޑާލާފައިވަނީ ޗައިނާއަށް ފަހު ކޯވިޑް-19 އެންމެ ގިނައިން ފެތުރެމުންދާ ޤައުމަކީ އިޓަލީއަށް ވާތީއެވެ. އިޓަލީއިން ރާއްޖެ އަންނަ ޑައިރެކްޓް ފްލައިޓްތަކާއި ޓްރާންސިޓް ފްލައިޓްތައް މެދުކަނޑާލާފައިވާއިރު މި ފްލައިޓްތައް އަލުން ފަށާނީ ކޯވިޑް-19 ގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހުކަމަށް ސަރުކާރުން ބުނެއެވެ.

އިޓަލީއިން މިހާތަނަށް ވަނީ ކޯވިޑް-19ގެ 5،883 ކޭސް ފެނިފައެވެ. މި މީހުންގެ ތެރެއިން 1،247 މީހުން މި ބައްޔަށް ޕޮސިޓިވްވެފައިވާއިރު މިހާތަނަށް އެޤައުމުގެ 233 މީހަކު ވަނީ މި ވައިރަހުގެ ސަބަބުން މަރުވެފައެވެ. ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން އިޓަލީވިލާތުން މިހާރު ވަނީ 16 މިލިއަން މީހުން ކަރަންޓީނުކޮށްފައެވެ.