ކޯވިޑް19އާ ގުޅިގެން ޓުއަރިސްޓް ބުކިންތައް ކެންސަލްވި ނަމަވެސް ޖެނުއަރީ 26ގެ ފަހުން އިތުރު 300،000 ބުކިންގ ލިބިފައިވާކަމަށް ޓޫއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް19އާ ގުޅިގެން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މިޙާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށެވެ.
ޖެނުއަރީ މަހުގެ ނިޔަލަށް އެކަނި ބަލާލިޔަސް 125،000 ބުކިންސް ކެންސަލް ވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކެންސަލޭޝަންތަކާއެކު ވެސް އިތުރު ބުކިންސްވެސް ރާއްޖެއަށް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޖެނުއަރީ 26އިން ފެށިގެން ޓުއަރިޒަމް މިނިސްޓްރީގެ މަޢުލޫމާތުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް މިހާތަނަށް 125،827 ކެންސެލޭޝަން އެބަހުރި. އެހެންނަމަވެސް، ބެޑް ނައިޓްސްއަށް ބަލާއިރު 300،223 ބުކިންގްސް އެބައޮތް. އެހެންވީމަ، ރާއްޖޭގެ ޓުއަރިޒަމަށް އަންނާނެ ލޮޅުންތަކަށްބަލާއިރު އަޅުގަނޑުމެންނަށް މި ކުރެވެމުންދާ މަސައްކަތުގައި އަޅުގަނޑުމެންނަށް އަދިވެސް ހިފަހައްޓައިގެން އެބަތިބެވޭ. " މިނިސްޓަރ ވިދާޅުވިއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ޓޫރިސްޓް ބުކިންސް ކެންސަލްވަމުން ދިޔަނަމަވެސް މިދިޔަ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ރާއްޖެ ޒިޔާރާތްކުރި ޓުއަރިސްޓުންގެ ޢަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިދަނޑިވަޅުގައި ވެސް ހާލާތު ރަނގަޅަށް މެނޭޖު ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޖެނުއަރީ ފެބްރުއަރީ ދެ މަސް އެއްކޮށްލީމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު %0.9 ގެ ކުރިއެރުމެއް ރާއްޖޭގެ ޓޫއަރިޒަމް އެބަދައްކާ. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް މިކަން މެނޭޖްއެބަކުރެވޭ." މިނިސްޓަރ ވިދާޅުވިއެވެ.
ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ ޗައިނާއިންނެވެ. އަދ ފެބްރުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އިޓަލީވިލާތުންނެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ދެ މާކެޓުންވެސް ފަތުރުވެރިން ގެނައުން މިހާރު ސަސްޕެންޑްކޮށްފައިވާކަމަށާއި މީގެ ސަބަބުން ކުރިއަށްއޮތް ދުވަސްތަކުގައި އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވާނެކަމަށެވެ.
އެހެންކަމުން، މިކަމުން އަރައިގަތުމަށް، ކޮރޯނާ ވައިރަސް ނުފެންނަ ޑެސްޓިނޭޝަންތަކުން ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޖެނުއަރީ މަހު ރާއްޖޭގެ ޓޮޕް މާކެޓަކީ ޗައިނާ. ޗައިނާގެ ފްލައިޓްތައް މިވަނީ ޖެނުއަރީ މަހު ހުއްޓާލާފަ. ފެބްރުއަރީ މަހު އަޅުގަނޑުމެންގެ ޓޮޕް މާކެޓަކީ އިޓަލީ. އިޓަލީވެސް އަޅުގަނޑުމެން މިވަނީ ސަސްޕެންޑްކޮށްފަ. އެހެންވީމަ. އަންނާނެ ފަތުރުވެރިކަމަށް ލޮޅުމެއް. އެހެންނަމަވެސް މި ދަނޑިވަޅުގައި މި ލޮޅުމާއެކު އަޅުގަނޑުމެން މިކަމުން އަރައިގަތުމަށް ސަރުކާރުން އެބަ މަސައްކަތް ފަށާ. އޭގެތެރޭގައި ތަފާތު އިތުރު ޑެސްޓިނޭޝަންތަކުން ޑައިރެކްޓް ފްލައިޓްތަކުގައި ފަތުރުވެރިން ގެނައުމާއި ރާއްޖޭގެ އިޤްތިސާދު ކުރިއަރުވަން ކުރެވޭނެ ކަންތައްތައް އަޅުގަނޑުމެން ކުރާނަން. " މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތސާދު އެންމެބޮޑަށް ބިނާވެފައި އޮންނަނީ ޓުއަރިޒަމް އިންޑަސްޓްރީގެ މައްޗަށެވެ. މިދަނޑިވަޅުގައިވެސް ޓުއަރިޒަމް އިންޑަސްޓްރީއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް މިދާއިރާގެ އިސް ފަރާތްތަކުން އެކުގައި މަސައްކަތްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.