ޚަބަރު

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 39އަށް


އިންޔެގެ ނިޔަލަށް އަވަށްޓެރި އިންޑިއާއިން 31 މީހެއްގެ ގައިން ކޮވިޑް-19 ވަހިރަހުގެ އަސަރު ފެނިފައިވާކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެހެންނަމަވެސް އިންޑިއާގެ ބައެއް ނޫސްތައް ބުނާގޮތުން މިޢަދު މިއަށްވުރެ މައްޗެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މިހާތަނަށް އެ ޤައުމުން 39 މީހެއްގެ ގައިން ކޮވިޑް-19ގެ އަސަރު ފެނިފައިވާކަން ވަނީ ޔަގީންވެފައެވެ.

އިންޑިއާގައި މިބަލި އެންމެ ބޮޑަށް ފެތުރެނީ އިންޑިއާގެ ނިއުދިއްލީއާއި، ރާޖެއްސްތާނާއި، ތެލަންގަނާގައެވެ. މިބައްޔާ ގުޅިގެން އިންޑިއާ ސަރުކާރުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފަށާފައެވެ. އެގޮތުން މި ބަލި ފެނުނު ސަރަޙައްދުތަކުން އިތުރަށް ބަލު ފެތުރުނަ ނުދިނުމަށްޓަކައި، ތިންހާހަށްވުރެ ގިނަ މީހުން ކަރަންޓީން ކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.

މީގެއިތުރުން އެފަދަ ސަރަޙައްދުތަކުގެ ބައެއް ސްކޫލްތައްވެސްވަނީ ވަގުތީގޮތުން ބަންދުކުރަން ނިންމާފައެވެ. އިންޑިއާއަކީ އެންމެ ގިނައިން ދިވެހިން ދަތުރުކުރާ އެއް ޤައުމެވެ. ދިވެހި ސަރުކާރުންވެސް ވަނީ ބަލި ފެތުރިފައިވާ އެއްވެސް ޤައުމަކަށް އަދި އެފަދަ ސަރަޙައްދުތަކަށް ކޮންމެހެން ދަތުރުކުރަންޖެހޭ ޙާލަތެއްގައި މެނުވީ ނުދިއުމަށް އިލްތިމާސްކޮށްފައެވެ.