ޚަބަރު

ކޯވިޑް-19: އެމްއެންޑީއެފްގެ ދައުރަކީ ބަލިމީހުން އުފުލައި ދިނުން: އެމްއެންޑީއެފް


ކޯވިޑް-19 ޖެހިފައިވާ މީހުން ނުވަތަ ވައިރަހަށް ޝައްކު ކުރެވޭ މީހުން ސީ އެމްބިއުލާންސްގައި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފުން ކަމަށާއި އެކަަމަށް ތައްޔާރުވެފައި ވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއާއި އެސްޓީއޯ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ، ސީ އެމްބިއުލާންސް ގައި ބަލި މީހާ ގެންދަންޖެހޭ ތަންތަނަށް ގެންދިޔުމަށް ވާންޖެހޭ ތައްޔާރިތައް ވަމުންދާކަމަށެވެ. މިގޮތުން ކޮންމެ އަތޮޅެއްގައި ސީއެމްބިއުލާންސް އޮންނާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެމްބިއުލާންސްތައް މައްސަލަ ޖެހިފައިވާ އަތޮޅުތަކަށްވެސް އެންމެ ކައިރީގައި އޮންނަ ރަށަކުން އެމްބިއުލާންސް ގެންގޮސްގެން އެ ޚިދުމަތް ދޭނެކަމަށެވެ.

ޤައުމަށް ދިމާވާ ކޮންމެ ކަމަކަށް އެހީތެރިވުމަށް އެމްއެންޑީއެފުން ތައްޔާރަށް އޮތްކަން ފާހަގަކުރައްވައި ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ، އެމްއެންޑީއެފްގެ ފުރިހަމަ އެއްބާރުލުމާއިއެކު އެހީތެރިކަން ލިބޭނެކަމަށެވެ. އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ ރާއްޖޭގައިވެސް ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދާ އިރު ހެޒްމެޓް ސޫޓު ބޭނުންކުރާނެކަމަށެވެ. ނުރައްކާތެރި ތަކެތި ގެންގުޅޭ އިރު ބޭނުން ކުރާ ހެޒްމެޓް ސޫޓު މި ވަގުތަށް ބޭނުންވާ ވަރަށް އެބަ ހުރި ކަމަށާއި، އަދިވެސް އިތުރަށް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ވަގުތަށް އަޅުގަނޑުމެން އެމްއެންޑީއެފްއަށް އޮތް ޒިންމާއަކީ ޓްރާންސްޕޯޓުކުރުން. ހާއްސަގޮތެއްގައި ސީ އެމްބިއުލާސްގައި މީހުން އެއް ތަނުން އަނެއްތަނަށް ގެންގޮސްދިނުން. އެކަމަށްޓަކައި ސީ އެމްބިއުލާންސްގެ ޑްރައިވަރާއި ކްރޫއާ މިހާރުވެސް ހެޒްމެޓް ގިއާ ބޭނުން ކުރޭ،" ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވސް ޕޮލިސް ސަރވިސް އިން ވިދާޅުވީ މީގެ ދެ މަހެއްހާ ކުރިން އެޗްޕީއޭއާ އެކު މިހާލަތަށް ތައްޔާރުވުމަށް މަސައްކަތްތައް ފަށާފައިވާކަމަށެވެ. މިގޮތުން ބައްޔަށް މޮނިޓަރ ކުރާ ފަރާތްތަކާއި ސްކްރީން ކުރުމަށް ގެންދާ ތަންތަން ބެލެހެއްޓުމުގައި ހަރަކާތްތެރި ވާނީ ފުލުހުން ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 ވައިރަސް ފެނުނީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ ގައިންނެވެ. ވައިރަސް ފެނުނު ބިދޭސީ ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ