ޚަބަރު

ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ފަތުރުވެރިއަކު ކަރަންޓީނުކޮށްފި


ވ.ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން އައި އިޓަލީގެ ފަތުރުވެރެއެއްގެ ހަށިގަނޑުން ކޯވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އޭނާ ޓެސްޓްކޮށް ކަރަންޓީނުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ އެމީހާގެ ފަރާތުން ކޯވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އަދި އެމީހާ މޮނީޓަރ ކުރުމަށާއި ޓެސްޓް ހެދުމަށް އެކަމަށް ކަނޑައަޅާފައިވާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ޓެސްޓް ކުރިނަމަވެސް މީހާތަނަށް އެ ބައްޔަށް އެއްވެސް މީހަކު ޕްޒިޓިވް ވެފައެއް ނުވެއެވެ.

ކޯވިޑް-19 ފެނިފައިވާ ޤައުމަކަށް ދަތުރުކޮށްފައި ނުވިޔަސް ނިއުމޯނިއާ ނުވަތަ އަރިދަފުސް ރޯގާ ޖެހި، ސީރިއަސް ހާލަތަކަށް ދާ މީހުން އެ ބައްޔަށް ޓެސްޓު ކުރާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އިޓަލީގައި ހަލުވިކަމައެކު ފެތުރެމުންދާއިރު އެ ޤައުމުން މިހާތަނަށް 3858 މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި އޭގެ ތެރެއިން 148 މީހަކު ވަނީ މަރުވެފައެވެ. މިއީ ކޯވިޑް19 އެންމެ ފުރަތަމަ ފެނުނު އަދި އެންމެ ގިނަ މީހުން ޖެހިފައިވާ ޗައިނާ ފިޔަވައި މި ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ޤައުމެވެ.