ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ހުޅުމާލެއަށް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ހަމަޖައްސައިފިއެވެ.
އެމްޕީއެލްއިން ބުނެފައި ވަނީ އެ ސަރަޙައްދުން ދަތުރުތައް ބާއްވަނީ ގަޑިއިރަކުން ގަޑިއިރަކުންކަމަށެވެ. ނަމަވެސް ޕީކް ގަޑިތަކުގައި އެއަށްވުރެ ދޭތެރެ ގާތްކޮށް ބަސްދަތުރު ބާއްވާނެ ކަމުގައި އެމްޕީއެލްއިން ބުނެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ޕާކު ސަރަޙައްދުގައި އަލަށް ހުޅުވި ބަސް ސްޓޮޕްއަކީ، މާފަންނު މައި ބަސް ޓަރމިނަލާއި ގުޅޭގޮތަށް ދަތުރުތައް ފެށި ބަސް ސްޓޮޕެކެވެ.
މާލޭ ސިޓީކައުންސިލް ދަނީ މާލޭއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ މީހުންނަށް ފަސޭހަކުރުމުގެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ޖާގަ އޮތް މިންވަރަކުން ބަސް ސްޓޮޕްތައް އިތުރުކޮށް އެމްޕީއެލުން ދެމުންގެންދާ ބަހުގެ ޚިދުމަތްތައް ފުޅާކުރުމަށް އެހީތެރިވަމުންނެވެ. އައު ބަސް ސްޓޮޕްގެ ޚިދުމަތް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ބަސް ސްޓޮޕްގެ ޚިދުމަތް ފެށުމަށް، އައިޖީއެމްއެޗް ޕާކު ސަރަޙައްދަށް ބަދަލުގެނެސް، ބަސް އަނބުރާލެވޭނެ ޖާގަ ހެދުމާއި، އަދި ބަސް ސްޓޮޕް ހިޔަކޮށް ގޮނޑިޖަހައި އެ ސަރަހއްދުގައި މަޑުކޮށްގެން ތިބޭގޮތަށް ބަސް ސްޓޮޕް ހަދާފައިވާކަމަށެވެ.
ޝާހިދު އަލީ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ނައްޓާލާ ބަސް މާލޭގެ ދެ ސްޓޮޕަކަށް މަޑުކޮށް މީހުންނަގައި ހުޅުމާލެއަށް ދެވޭގޮތަށް ތާވަލްކޮށްފައިވާކަމަށެވެ.
"މިތަނުން ނައްޓާލާ ބަސް ހުޅުމާލޭގެ ހުރިހާ ސްޓޮޕްތަަކަށް މަޑުކުރާނެ. މިހާރު މިތަނުން ބަސް ނައްޓާލާނީ ކޮންމެ އެއް ގަޑިއިރުން. ނަމަވެސް ސްކޫލް އޮފީސް ނިމޭ ގަޑިއާއި، އަދި ބޮޑަށް ޑިމާންޑް އޮންނަ ގަޑިތަކުގައި ބަސްތައް އޮންނަ ވަގުތު ކައިރިކުރާނަން 15-20 މިނެޓަށް. މި ރޫޓުން ދަތުރުކުރާ ބަސް މާލޭއިން ދެން މީހުން ނަގާނީ، މާލެ ޖަލު ކައިރިންނާއި، ސްޓެލްކޯ ކައިރި ސްޓޮޕުން." ޝާހިދު އަލީ ވިދާޅުވިއެވެ.
ބަސް ސްޓޮޕްގެ ޚިދުމަތް ފެށުމަށްފަހު ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ ބަހުގެ ޚިދުމަތް ފެށޭހެން ހުސްކޮށް ހުރި ޖާގަތައް ބަލައި، މި ޚިދުމަތަށް މަގުފަހިކޮށްދެމުންދާކަމަށެވެ. އަދި އަލަށް ޚިދުމަތްފެށި ސަރަޙައްދަކީ ޑިމާންޑް ބޮޑު ސަރަޙައްދަކަށް ވާނެކަމަށް ޝިފާ ވިދާޅުވިއެވެ.
"ހޮސްޕިޓަލް، ރަސްފަންނުވެސް މިހުންނަނީ މި ސަރަޙައްދުގައި. އަދި ވިލިންގިލިން ހުޅުމާލެއަށްދާން ބޭނުން މީހުންނަށްވެސް ލުޔަކަށްވެގެންދާނެ." ސިފާ ވިދާޅުވިއެވެ.
އެމްޕީއެލްއިން މިހާރު ބަހުގެ ޚިދުމަތް ދެމުންއަންނަނީ މާލޭގެ 2 ރޫޓަކަށެވެ. އެއީ ރިންގްރޯޑުން މާފަންނު މައި ބަސް ޓަރމިނަލާއި، އަދި އަލަށް ކާނިވަލުގައި ހެދި ބަސް ސްޓޮޕް ސަރަޙައްދަށެވެ.
މާލޭގައި ބަހުގެ ޚިދުމަތް ފެށުމާއިއެކު، ފެރީގައި ދަތުރުކުރާ މީހުން މަދުވެ ބަހަށް އޮންނަ ޑިމާންޑް ވަނީ އިތުރުވެފައެވެ. އެގޮތުން އެވަރެޖްކޮށް ފަސްހާހެއްހާ މީހުން ބަހުގެ ޚިދުމަތް ދުވާލެއްގެ މައްޗައް ހޯދައެވެ. އަދި ހަފްތާ ބަންދާއި، ބަންދު ދުވަސްތަކުގައި މި އަދަދު އިތުރުވެއެވެ.