ޚަބަރު

ކޯވިޑް-19 ޖެހިގެން ތައިލެންޑުގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ


ކޯވިޑް-19 ޖެހިގެން ތައިލެންޑުގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ. 35 އަހަރުގެ ފިރިހެނެއް މަރުވީ ކޯވިޑް-19ގެ އިތުރުން ޑެންގޫ ޖެހިގެންކަމަށް އެޤައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒީޒް ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް ސުވަންޗާއީ ވަޓަނަޔިންޗަރޮން ވިދާޅުވިއެވެ.

ޖެނުއަރީން ފެށިގެން ކޯވިޑް-19 ޖެހިފައިވާ 42 މީހުން ތައިލެންޑުން މިހާތަނަށް ފެނި، އޭގެ ތެރެއިން 30 މީހުންވަނީ ބަލިން ސަލާމަތްވެފައެވެ. އެޤައުމުން ކޯވިޑް-19އަށް ވަރުވާ ދެމުންދަނީ 11 މީހަކަށެވެ. ތައިލެންޑުގެ ޞިއްޙަތާބެހޭ އިދާރާތަކުން ބުނީ މަރުވި މީހަކީ ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ބާޒާރެއްގައި ވައިރަސް އެންމެ ފުރަތަމަ ފެތުރެންފަށި ދުވަސްވަރު މަސައްކަތްކުރި މީހެއްކަމަށެވެ. އެހެންކަމުން، ވައިރަހުގެ އަސަރު އޭނާއަށް ފޯރީ އެބާޒާރުންކަމަށް ބެލެވެއެވެ.

އެމީހާ އެންމެ ފުރަތަމަ އެނދުމަތި ކުރެވުނީ ޑެންގޫ ޖެހިގެން ޖެނުއަރީ 27ގައި ތައިލެންޑުގެ އަމިއްލަ ހަސްފަތާލެއްގައެވެ. ނަމަވެސް، ފަހުން ކޯވިޑް-19 އޭނާގެ ހަށިގަނޑުން ފެނި، އެވައިރަހަށް ފަރުވާ ކުރުމަށް ޚާއްޞަކޮށްފައިވާ މަރުކަޒަކަށް އެމީހާ ދެންދިޔަކަމަށް ސުވަންޗާއީ ވިދާޅުވިއެވެ. އެމީހާ މަރުވީ ބަލީގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތައް މަސައްކަތްކުރުން ހުއްޓުމުންކަމަށް އޭނާ ވިދާޅުވިއެވެ.