ޚަބަރު

ރަށްގިރުމުގެ ޙާލަތު ދެނެގަތުމަށް، އެންވަޔަރަމެންޓް މިނިސްޓަރ ވ.ފުލިދުއާއި ތިނަދުއަށް


ވ.ފުލިދުއާއި ވ.ތިނަދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން އެ ދެރަށުގެ ކައުންސިލާ އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރވަނީ ދެރަށަށް ދިމާވެފައިވާ ތިމާވެށީގެ އެހެނިހެން މައްސަލަތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އޮޅުންފިލުއްވާ މަޝްވަރާކުރައްވާފައެވެ. ވ.ތިނަދުއާއި ފުލިދުއަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ކުރައްވާ ދަތުރުފުޅުގައި، މިނިސްޓްރީގެ ޓެކްނިކަލް ޓީމްތަކުންވެސް ބައިވެރިވެއެވެ.

ޑރ.ހުސައިން ރަޝީދު ހަސަން ފުލިދިއަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލާއި ބައްދަލުކުރައްވައި ރަށް ގިރުމުގެ ސަބަބުން ދިމާވެފައިވާ ނުރައްކާތަކާއި އަދި ރަށުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް އޮޅުންފިލުއްވާފައިވެއެވެ. ފުލިދޫގެ ރަށުގެ ވެލިގަނޑުވަނީ ޢާއްމުން ބޭނުންކުރާ ބައެއް ބިންތަކާއި ހަމައަށް ގިރާފައެވެ. ފުލިދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢަކީ މިއަހަރު ބަޖެޓުގައިވެސް ހިމަނާފައިވާ މަސައްކަތެކެވެ. މިމަސައްކަތް ކުރުމަށް ސަރުކާރުގެ ޕީއެސްއައިޕީ ޓްރަސްޓް ފަންޑުން ފަސް ލައްސަ ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައެވެ.

މިނިސްޓަރ ވަނީ ރަށުގައި ކުނި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުއްވައި ރަށުގެ ކުނިގޮނޑު ސަރަޙައްދުވެސް ބައްލަވާލައްވާފައެވެ. ސަރުކާރުންވަނީ މިއަހަރުގެ ބަޖެޓުގައި އެރަށުގައި ސާފު ފެނުގެ ނިޒާމާއި ނަރުދަނާ ނިޒާމު ޤާއިމުކުރުމަށްވެސް ހިމަނާފައެވެ. އަދި ރަށުގައި ފާލަމެއް ހެދުމަށްވެސް ހިމަނާފައިވެއެވެ.

މިނިސްޓަރވަނީ ތިނަދޫގެ ކުނި މެނޭޖުކުރާ ސަރަޙައްދުވެސް ބައްލަވާލައްވައި ކުނި މެނޭޖުކުރުމަށް ރަށު ކައުންސިލުން ޢަަމަލުކުރަމުންދާގޮތް އޮޅުންފިލުއްވާފައެވެ.

ރާއްޖޭގެ ރަށްތަކަށް މިދުވަސްވަރުދަނީ އާދަޔާ ޚިލާފަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންނެވެ. އެގޮތުން ޢާމުކޮށް ރަށްގިރާ މިންވަރަށްވުރެ އިތުރަށް ރަށްގިރައިގެން، ވިއްސައްވުރެ ގިނަ ރަށުން މިނިސްޓްރީގެ ސަމާލުކަމަށް އެމައްސަލަ ގެނެސްފައިވާކަމަށް މިނިސްޓަރ ޑރ.ހުސައން ރަޝީދު ހަސަން ވަނީ ވިދާޅުވެފައެވެ.