ރާއްޖެއިން ހައްޖަށާއި އުމުރާއަށް މީހުން ގެންދާ އަލްސަފާ ގުރޫޕުގެ އުމުރާ ދަތުރު ފަސްކޮށްފިއެވެ.
އެގުރޫޕުގެ ވެރިޔާ އައްޝައިޚް ޢަބުދުﷲ ނަސީމް ވިދާޅުވީ، ސައުދީ ސަރުކާރުން ނެރުނު އަމުރާއި ގުޅިގެން އުމުރާއަށް ފުރުން ކެންސަލްކުރަން ޖެހުނީ އެންމެ ފަހު ވަގުތުގައި ކަމަށެވެ.
މިގޮތުން މިއަދު 1:00ގައި ސައޫދީ އެއާލައިނުން އުމުރާވެރިން ފުރާގޮތަށް ހަމަޖައްސައި ފޮށިތަންމަތި އެއާޕޯޓަށް ގެންގޮސް ބޯޑިންގ ފާސްތައްވެސް ރޭގައި ނަގާފައި ވާކަމަށެވެ.
ނަމަވެސް ފަހު ވަގުތު ނުފުރާގޮތަށް ހަމަޖެއްސީ، އުމުރާވެރިން ސައޫދީ އަރަބިއްޔާއަށް އެތެރެވުން މަނާކޮށްފައި ވުމުންކަމުގައި އޭނާވިދާޅުވިއެވެ.
އަލްޞަފާ ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އައްޝައިޚް ޢަބުދުﷲ ނަސީމް ވިދާޅުވީ، އެޖާމައަތުގެ ހަވާލުގައި 120 މީހުން އުމުރާގެ އަޅުކަމަށް ފުރުމަށް މިއަދު ހަމަޖައްސާފައި އޮތް އިރު ގުރޫޕުގެ ފަރާތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައްވެސް ހުރީ ހަމަޖައްސާފައި ކަމަށެވެ. މިގޮތުން ހޮޓާތައް ބުކްކޮށް އެއާލައިނަށާއި ފައިސާ ދައްކަންޖެހޭ އެހެން ފަރާތްތަކަށްވެސް ފައިސާ ދައްކާފައިވާ ކަމުގައި ވިދާޅުވިއެވެ.
ޝައިޚް އަބުދުﷲ ނަސީމް ވިދާޅުވީ، އުމުރާގެ އަޅުކަމަށް ދެން ފުރޭނެ ދުވަހެއްވެސް ނޭނގޭ ކަމަށާއި އެކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއިވެސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
އިއްޔެ އުމުރާއަށް ފުރި ގުރޫޕްތައް މިހާރު ޖިއްދާއަށް ގޮސްފައި ވާއިރު، ޖިއްދާ އެއާޕޯޓުގައި ތާމަލްކެމެރާތައް ބަހައްޓައި، ސައޫދީއަށް އެތެރެވާ މީހުންގެ ކިބައިގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިތޯ ދަނީ ބަލަމުންނެވެ.
އަލްސަފާގެ ހަވާލުގައި އުމުރާގެ އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ 120 މީހުންނަށް މިއަދު ނުފުރި ދަތުރު ފަސްކުރަންޖެހުނު އިރު، ސަރުކާރުގެ ކުންފުނި ހައްޖުކޯޕަރޭޝަނުންވެސް މިހާރު ވަނީ މާރިޗުމަހުގެ އުމުރާ ދަތުރު ކެންސަލްކޮށްފައެވެ.