ޚަބަރު

ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވަން ބޭނުންކުރާ ވެހިކަލަކާއި، ބައެއް އާލާތްތަށް އެމްއެންޑީއެފާއި ހަވާލުކޮށްފި


ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލަކާއި ބައެއް އިތުރު އާލާތްތަށް އެމްއެންޑީއެފާ ހަވާލުކޮށްފިއެވެ.

ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވުމުގައި ބޭނުންކުރާ ފަޔަރ ވެހިކަލަކާއި ބައެއް އާލާތްތައް ޖަޕާން ސަރުކާރުން އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށެވެ. ކަޅުކުއްތަކަލާކޮށި، މާލެ ފަޔަރ ސްޓޭޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މިތަކެއްޗަކީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ޤާބިލްކަން އިތުރުކުރުމަށް ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެއްޗެވެ. މިއަދު މި ހަދިޔާކުރި ތަކެތީގެ ތެރޭގައި ފަޔަރ ވެހިކަލަކާއި، ތިން ބްރީތިންގ އެޕޭރެޓަސް ސެޓް އަދި އެއް ތާމަލް އިމޭޖިން ކެމެރާ ހިމެނެއެވެ. މިއަދު ހަދިޔާކުރި ތަކެތީގެ އަގަކީ 1.3 މިލިއަން ދިވެހި ރުފިޔާއެވެ.

މި ޕްރޮޖެކްޓަކީ 19 ފެބްރުއަރީ 2019 ވަނަ އަހަރު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ޖަޕާނު ސަރުކާރާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިގެންދިޔަ ތަކެއްޗެވެ. މި ރަސްމިއްޔާތުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްބޭފުޅުންނާއި ޖަޕާނު ސަރުކާރުގެ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.