ކުޅިވަރު

ބްރޫނޯ ފެނާންޑޭޒް އަކީ ވެރޮން އާއި ސްކޯލްސްގެ ކޮލިޓީގެ ކުޅުންތެރިއެއް: ސޯލްޝަޔާ


މެންޗެސްޓާ ޔުނައިޓެޑާ އަލަށް ގުޅުނު ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އަކީ ޔުނައިޓެޑްގެ ކުރީގެ ދެ ލެޖެންޑުން ކަމަށްވާ ޕޯލް ސްކޯލްސް އާއި ހުއާން ސެބަސްޓިއަން ވެރޮން ފަދަ މޮޅު ކުޅުންތެރިއެއް ކަމަށް ކޯޗު އޮލޭގަނާ ސޯލްޝަޔާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ވަޓްފޯޑާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ފެނާންޑޭޒް މޮޅަށް ކުޅެ އޭނާގެ ފުރަތަމަ ގޯލު ޔުނައިޓެޑަށް ޖަހައިދިނުމުންނެވެ. ސްޕޯޓީން ލިޒްބަނުން80 މިލިއަން ޔޫރޯގެ އަގުހުރި ޑީލެއްގައި ގެނައި ކުޅުތެރިޔާ ގޯލްޖެހީ އޭނާ ހޯދި ޕެނަލްޓީއަކުންނެވެ.

"ބްރޫނޯ ޓީމަށް ހޭނިއްޖެ ފުރަތަމަ މިނިޓުން ފެށިގެން. އޭނާ އަކީ ސްކޯލްސް އާއި ވެރޮން ފަދަ ކުޅުންތެރިއެއް. އެމީހުންގެ ކޮލިޓީސް އޭނާގެ ކިބާގައި އެބަހުރި. ބްރޫނޯ އަށް ޖާގަ ދޭންޖެހޭނީ ވެރޮން އާއި ސްކޯލްސްގެ މެދުން،" ވެރޮން އާއި ސްކޯޅްސްއާއެކު ޔުނައިޓެޑަށް ކުޅުނު ކުރީގެ ފޯވަޑް ސޯލްޝަޔާ ބުންޏެވެ.

އޭނާ އަދި ބުނީ ކުޅުންތެރިންގެ އަގުތައް މިހާރު އިންތިހާއަށް އުފުލިފައިވާއިރު ބްރޫނޯއަކީ އެކަށީގެންވާ އަގެއްގައި ޔުނައިޓެޑަށް ލިބުނު ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

"އަހަރުމެންނަށް މަދުވާ ކިތަންމެ ކަމެއް މެދުތެރެ އާއި އެޓޭކިން ޕޮޒިޝަންތަކުގައި އޭނާ އެބަ ހައްލުކޮށްދޭ. އޭނާއައުމާއެކު ޓީމަށް ދިރުން ލިބިއްޖެ. އެހެން ކުޅުންތެރިން ގޮވައިގެން އުޅެން ދަންނަ ލީޑަރޝިޕް ކޮލިޓީސްތަކެއް އޭނާގެ ކިބާގައި އެބަހުރި. މިފަދަ ކަންކަމާހުރެ ސަޕޯޓަރުން ވެސް އޭނާ ދެކެގަޔާވާން ފަށައިފި. ސަޕޯޓަރުންނަށް ކަމުދާނީ ގިނަ ކަންކަން ރަނގަޅުވެގެން. ޓެކްނިކަލީ އަދި ފިޒިކަލީ ވެސް ކުޅުންތެރިޔާ ވަރުގަދަވާންޖެހޭނެ. އެފަދަ ގިނަ ކަންކަން އޭނާ އަށް ލިބިފައިވޭ،" ސޯލްޝަޔާ ބުންޏެވެ.

ކޯޗު ބުނީ ޔުނައިޓެޑް މިހާރު އޮތީ އިނގިރޭސި ލީގުގެ ގަދަ ހަތަރަކަށް ވާދަކުރެވޭ ފެންވަރުގައި ކަމަށާއި އަމުދުން މިހާރު އަނިޔާގައި ތިބި ޕައުލް ޕޮގްބާ އާއި މާކަސް ރަޝްފޯޑާއި ޒުވާން ކުޅުންތެރިން ޓީމާ ގުޅުމުން ޕްރެމިއާ ލީގަށް ރަނގަޅަށް ވާދަކޮށްލެވޭނެ ކަމަށެވެ.

"އަހަރުމެން ޖެހޭނީ ވަރުގަދައަށް ދޫނުކޮށް ފަށައިގަންނަން. މިހާރު މިއޮތީ އެކަން ކުރުމުގެ ވަގުތު އައިސްފައި. އަހަރުމެންނަށް އަދި މިސީޒަނުގައި ހާސިލްކުރެވޭނެ ކަންކަން ބައިވަރު،" ސޯލްޝަޔާ ބުންޏެވެ.