ކުޅިވަރު

ޗައިނާ އާއި ރާއްޖެ ކުޅޭ މެޗު ތައިލެންޑަށް


ޗައިނާ އާއި ދިވެހިރާއްޖެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗު ތައިލެންޑްގައި ކުޅެން ހަމަޖެއްސުމަށް ނިންމައިފި އެވެ.

އަންނަ މަހުގެ 26ގައި ޗައިނާގައި ކުޅެން އޮތް މެޗު އެހެން ގައުމެއްގައި ކުޅެން ނިންމަން ޖެހުނީ ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ. މި ބަލީގައި މިހާތަނަށް 65000 ގިނަ މީހުންނަށް ބަލިޖެހި 1400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މިއީ މުޅި ދުނިޔެ އަށް ހުރި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

މި ވައިރަސްގެ ސަބަބުން ޗައިނާގެ ގިނަ އޮފީސްތަކާއި ކުންފުނިތަކާއި ހޮޓާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ގައުމުގައި ބާއްވަން ހަމަޖައްސާފައިވާ ގިނަ ކުޅިބަރު މުބާރާތްތައް ވެސް ވަނީ މުއްދަތެއްނެތި ފަސްކޮށްފަ އެވެ. އަދި ބައެއް މުބާރާތްތައް ވަނީ އެހެން ގައުމަކަށް ބަދަލުކޮށްފަ އެވެ. މީގެ ތެރޭގައި އޮލިމްޕިކް ކޮލިފައިން އަންހެން ފުޓްބޯޅަ އިވެންޓް ވެސް ހިމެނެ އެވެ.

އަދި ޗައިނާގެ ކުލަބުތައް ކުޅެންޖެހޭ އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ވެސް ވަނީ އެންމެ ފަހުން ކުޅެން ނިންމައި ރަށުން ބޭރުގައި ކުޅޭ މެޗުތައް ކުރިއަށް ޖައްސައިފަ އެވެ.

ރާއްޖެ ޗައިނާ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން ޖެހޭ މެޗު ޗައިނާގައި ކުޅެވޭނެ ގޮތެއް ނެތްނަމަ އެ މެޗު ކުޅޭނެ ގޮތަކާމެދު އޭއެފްސީން މަޝްވަރާކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ އެވެ.